އޮކްޓޫބަރު 7 ގައި ހަމާސް އިން ދިން ހަމަލާއަކީ އިޒުރޭލުން ގާޒާ ހިސާރުކޮށްފައި އޮންނަ އޮތުމުގެ ނަތީޖާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވުމާ ގުޅިގެން އޭނާގެ އިސްތިއުފާ އަށް އިޒްރޭލުން ގޮވާލައިފި އެވެ.

އދ. ގެ ސެކްރެޓެރީ ޖެނެރަލް އުޅުއްވަނީ ކޮން ދުނިޔެއެއްގައިތޯ ސުވާލު ކުރައްވަމުން އިޒްރޭލުގެ ފޮރިން މިނިސްޓަރު އެލީ ކޯހެން ވަނީ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރަސްއާ އެކު ބާއްވަން ހަމަޖެހިފައި އޮތް ބައްދަލުވުމެއް ކެންސަލް ކުރައްވައިފަ އެވެ.

އދ. ގައި ހުންނަވާ އިޒްރޭލްގެ އެމްބެސެޑަރު ގިލާޑް އެރްޑާން ވިދާޅުވީ ސެކްރެޓަރީ ޖެނެރަލް އެ މަގާމަށް ކުފޫ ހަމަނުވާ ކަމަށެވެ. އެހެން ކަމުން ވަގުތުން އިސްތިއުފާ ދެއްވުމަށް ވެސް އެދި ވަޑައިގެންނެވި އެވެ.

އިޒްރޭލުގެ ރުޅިވެރިކަން އދ. އަށް އަމާޒުވީ އިންސާނީ އެހީ ގާޒާއަށް ފޯރުކޮށްދިނުމާއި ހިފަހައްޓާފައިވާ ހޮސްޓެޖުން މިނިވަން ކުރުމަށް އެހީވުމުގެ ގޮތުން ވަގުތީ ގޮތުން ހަނގުރާމަ މެދުކަނޑައިލުމަށް އެއްބަސްވުމާ މެދު ބަހުސް ކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ބަހުސެއްގައި ސެކެރެޓެރީ ޖެނެރަލް ދެއްކެވި ވާހަކަފުޅެއްގެ ސަބަބުންނެވެ.

އެ ބައްދަލުވުމުގައި ގުޓަރެސް ވިދާޅުވެފައި ވަނީ އިޒުރޭލުން ގާޒާގައި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށެވެ.

ގުޓަރަސް އިތުރަށް ވިދާޅުވި ގޮތުގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއަކީ އެއްވެސް ކަމަކާނުލައި ހިނގި ކަމެއް ނޫނެވެ. އަދި 56 އަހަރު ވަންދެން ފަލަސްތީނުގެ ރައްޔިތުންނަށްނަށް ލިބެމުން ދިޔަ އަނިޔާ އަކީ އެ ހަމަލަ އުފަންވުމުގެ ސަބަބު ކަމުގައި ވެސް ގުޓަރަސް ވިދާޅުވި އެވެ.

ސެކެރްޓެރީ ޖެނެރަލްގެ ވާހަކަފުޅާ ގުޅިގެން އިޒުރޭލުގެ އެމްބެސެޑަރު ވަނީ ގުޓަރަސް އަކީ އެފަދަ ޖަމާއަތެއް ހިންގަން ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށާއި އޭނާގެ ވާހަކަފުޅަކީ ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށް ވިދާޅުވެފަ އެވެ.