ބޮލީވުޑްގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު އަރަމުން އަންނަ ޒުވާން ތަރި އިޝާން ހައްތަރުގެ މިސްރާބު ހޮލީވުޑަށް ޖަހައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިހާރު އިޝާން ވަނީ އޭނާގެ އެންމެ ފުރަތަމަ ހޮލީވުޑް ޕްރޮޖެކްޓަށް ސޮއި ވެސް ކޮށްފަ އެވެ. އެއީ ނިކޯލް ކިޑްމަންއާއެކު ފެންނާނެ ސީރީޒްއެއް ކަމަށްވާ "ދަ ޕާފެކްޓް ކަޕަލް" އެވެ.

އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން އިޝާން ބުނީ މި ފުރުސަތަކީ އޭނާގެ ކެރިއަރަށް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި މީގެ ސަބަބުން އިތުރު ދޮރުތައް ވެސް ހުޅުވިގެންދާނެ ކަމަށެވެ.

އެ ސީރީޒްގެ މަސައްކަތުގެ ތަޖުރިބާއާ ބެހޭ ގޮތުން އިޝާން ބުނީ އެ މަސައްކަތަކީ އޭނާއަށް ވަރަށް ހާއްސަ މަސައްކަތެއް ކަމަށާއި ދެކުނު އޭޝިއާގެ އެކްޓަރަކަށް އެ ކެރެކްޓާ ވަރަށް ގުޅޭ ކަމަށެވެ.

މީގެ އިތުރުން ވެސް ތަފާތު ކެރެކްޓަ ރޯލުތައް ކުޅުމުގެ ޝައުގުވެރިކަން ފާޅުކުރަމުން އިޝާން ބުނީ ފުރުސަތުތައް ގިނަ ދުވަސްވަރެއްގައި މަސައްކަތް ކުރެވޭތީ އުފާކުރާ ކަމަށެވެ.

އިޝާންއަކީ ރާޖޭޝް ހައްތަރުއާއި ނީލިމާ އާޒިމްގެ ދަރިއެކެވެ. އޭނާއަކީ ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އެކެވެ.

އިޝާން މީހުންގެ ސަމާލު ކަމަށް އައިސްފައިވަނީ ޖާންވީ ކަޕޫރާއެކު ފެނިގެން ދިޔަ 2018 ވަނަ އަހަރުގެ ފިލްމު "ދަޅަކް" އިންނެވެ.