އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންނާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލައި ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް އދ. ގެ އާންމު މަޖިލިހުން ބޭއްވި ކުއްލި ބައްދަލުވުމުގައި ރޭ ގަރާރެއް ފާސްކޮށްފި އެވެ.

މި ގަރާރު ފާސްކޮށްފައި ވަނީ އދ. ގެ އާންމު މަޖިލިހުގައި ބައިވެރިވި މެމްބަރު ގައުމުތަކުގެ ތެރެއިން 120 ގައުމެއްގެ ބޮޑު ތާއީދަކާ އެކުގަ އެވެ. ގަރާރާ ދެކޮޅަށް 14 ގައުމަކުން ވޯޓު ދިން އިރު، އެއްވެސް ކޮޅަކަށް ވޯޓު ނުދީ 45 ގައުމަކުން ތިއްބެވެ.

މި ގަރާރު ފާސް ކުރަން ރާއްޖެ އިން ވެސް ވަނީ ވޯޓު ދީފަ އެވެ.

ގަރާރާ ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި އިސްރާއީލް، އެމެރިކާ، އިންޑިއާ، ޖަޕާން، އޮސްޓްރިއާ، ޕެރެގުއާއީ، ހަންގޭރީ، ކްރޮއޭޝިއާ ފަދަ ގައުމުތައް ހިމެނެ އެވެ. މި ގަރާރާ އެއްކޮޅަށް ވޯޓު ދިން ބޮޑެތި ގައުމުތަކުގެ ތެރޭގައި ޗައިނާ، ސައުދީ އަރަބިއްޔާ، ތުރުކިޔޭ، ގަތަރު، އިރާން، މިސްރު، ފްރާންސް ފަދަ ގައުމުތައް ހިމެނެ އެވެ.

މުސްލިމް ގައުމުތަކުގެ ތެރެއިން މި ގަރާރު ފާސް ކުރަން ވޯޓު ނުދެނީ އިރާގު އެކަންޏެވެ. އިރާގުން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމައިފަ އެވެ.

އދ. ގެ އާންމު މަޖިލިހުން ފާސްކުރާ ގަރާރުތަކަކީ ގައުމުތަކުން އެ މައްޗަށް އަމަލުކުރުން ލާޒިމް ގަރާރުތަކެއް ނޫނެވެ. އިސްރާއީލުން ބުނެފައިވަނީ މިގަރާރަށް އެގައުމުން އަމަލު ނުކުރާނެ ކަމަށާއި ހަމާސްގެ ތަންތަނަށް ހަމަލާ ދިނުމުގައި އިސްރާއީލްގެ އަސްކަރިއްޔާ ދެމި އޮންނާނެ ކަމަށެވެ.

އިސްރާއީލުން ހިސޯރުކޮށްފައިވާ ޣައްޒާ އިން އެއްކޮށް ކަރަންޓާއި މުވާސަލާތީ ހިދުމަތްތައް ކަނޑާލުމަށް ފަހު، ޣައްޒާ އަށް މެދުކެނޑުމެއް ނެތި ދަނީ ބޮން އަޅަމުންނެވެ. މުޅި ޣައްޒާ އަނދިރީގައި ބޭއްވުމަށް ފަހު، އިސްރާއީލުން ގެންދަނީ ބިންމަތީގެ ހަނގުރާމަ ފުޅާކުރަމުންނެވެ. ޣައްޒާ ހިފުމުގެ މަސައްކަތުގައި އިސްރާއީލްގެ ސިފައިން ދެ ދިމާއަކުން ކުރި އަރަމުން އަންނަ ކަމަށްވެ އެވެ.

ހަމާސްގެ ބައެއް ފަރާތްތަކާ ހަވާލާދީ އަލްޖަޒީރާ އިން ޚަބަރުދޭ ގޮތުގައި ޣައްޒާ އަށް ވަންނަން މަސައްކަތް ކުރަމުން އަންނަ އިސްރާއީލްގެ ސިފައިންނާ ހަމާސްގެ ހަނގުރާމަވެރިން އަންނަނީ ކުރިމަތިލަމުންނެވެ. އެ ކުރިމަތިލުމުގައި ޣައްޒާގެ އެތެރޭގައި ވަރުގަދަ ހަމަލާތައް ބަދަލުވަމުންދާ ކަމުގައި ވެސް އަލް ޖަޒީރާ އިން ޚަބަރުދެ އެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ ޣައްޒާ އިން 7،326 މީހުން ވަނީ ޝަހީދުވެފަ އެވެ.