އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންނާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލައި ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް އދ. ގެ އާންމު މަޖިލިހުން ފާސް ކުރި ކޯ ސްޕޮންސާ ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.

މި ގަރާރު ފާސްކޮށްފައި ވަނީ އދ. ގެ އާންމު މަޖިލިހުގައި ބައިވެރިވި މެމްބަރު ގައުމުތަކުގެ ތެރެއިން 120 ގައުމެއްގެ ބޮޑު ތާއީދަކާ އެކުގަ އެވެ. ގަރާރާ ދެކޮޅަށް 14 ގައުމަކުން ވޯޓު ދިން އިރު، އެއްވެސް ކޮޅަކަށް ވޯޓު ނުދީ 45 ގައުމަކުން ތިއްބެވެ.

މި ގަރާރު ފާސް ކުރަން ރާއްޖެ އިން ވެސް ވަނީ ވޯޓު ދީފަ އެވެ. އަދި ރާއްޖެއަކީ މި ގަރާރު ކޯ ސްޕޮންސާ ކުރި 46 ގައުމުގެ ތެރެއިން އެއް ގައުމެވެ.

ގަރާރާ ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި އިސްރާއީލް، އެމެރިކާ، އިންޑިއާ، ޖަޕާން، އޮސްޓްރިއާ، ޕެރެގުއާއީ، ހަންގޭރީ، ކްރޮއޭޝިއާ ފަދަ ގައުމުތައް ހިމެނެ އެވެ. މި ގަރާރާ އެއްކޮޅަށް ވޯޓު ދިން ބޮޑެތި ގައުމުތަކުގެ ތެރޭގައި ޗައިނާ، ސައުދީ އަރަބިއްޔާ، ތުރުކިޔޭ، ގަތަރު، އިރާން، މިސްރު، ފްރާންސް ފަދަ ގައުމުތައް ހިމެނެ އެވެ.

މުސްލިމް ގައުމުތަކުގެ ތެރެއިން މި ގަރާރު ފާސް ކުރަން ވޯޓު ނުދެނީ އިރާގު އެކަންޏެވެ. އިރާގުން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމައިފަ އެވެ.

އދ. ގެ އާންމު މަޖިލިހުން ފާސްކުރާ ގަރާރުތަކަކީ ގައުމުތަކުން އެ މައްޗަށް އަމަލުކުރުން ލާޒިމް ގަރާރުތަކެއް ނޫނެވެ. އިސްރާއީލުން ބުނެފައިވަނީ މިގަރާރަށް އެގައުމުން އަމަލު ނުކުރާނެ ކަމަށާއި ހަމާސްގެ ތަންތަނަށް ހަމަލާ ދިނުމުގައި އިސްރާއީލްގެ އަސްކަރިއްޔާ ދެމި އޮންނާނެ ކަމަށެވެ.

އިސްރާއީލުން ހިސޯރުކޮށްފައިވާ ޣައްޒާ އިން އެއްކޮށް ކަރަންޓާއި މުވާސަލާތީ ހިދުމަތްތައް ކަނޑާލުމަށް ފަހު، ޣައްޒާ އަށް މެދުކެނޑުމެއް ނެތި ދަނީ ބޮން އަޅަމުންނެވެ. މުޅި ޣައްޒާ އަނދިރީގައި ބޭއްވުމަށް ފަހު، އިސްރާއީލުން ގެންދަނީ އެއްގަމު މަގުން ހަނގުރާމަ ފުޅާކުރަމުންނެވެ. އެކަމަކު، އިސްރާއީލް ސިފައިންނަށް ހުރަސް އަޅައި އެމީހުންނާ ކުރިމަތިލަނީ ހަމާސްގެ ހަނގުރާމަވެރިންނެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ ޣައްޒާ އިން 7،326 މީހުން ވަނީ ޝަހީދުވެފަ އެވެ. ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުން 1،405 މީހުން މަރާލާފައިވާ އިރު، 310 މީހުންނަކީ އިސްރާއީލް ސިފައިންނެވެ. ހަމާސް އިން ވަނީ އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެ، 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްގެން ގެންގޮސްފަ އެވެ.