ސެލެބްރިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ ކުރިއަށް އޮތް އެޕިސޯޑުގެ މެހްމާނުންނަކީ އަރަމުން އަންނަ ތަރިން ކަމަށްވާ ސާރާ އަލީ ޚާންއާއި އަނަންޔާ ޕާންޑޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ސާރާއާއި އަނަންޔާއަކީ ބޮލީވުޑްގައި މަސައްކަތްކުރާ ދެތަރިން ނަމަވެސް ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އެހެން ކަމުން ޝޯގެ ހުށައެޅުންތެރިޔާ ކަރަން ޖޯހަރު ބޭނުންވަނީ އެއް ދާއިރާގައި މަސައްކަތް ކުރަމުން ރަހުމަތްތެރިންގެ ގޮތުގައި ތިބުމުގެ ތަޖުރިބާ އެ ތަރިންގެ ފަރާތުން ހޯދުމަށެވެ.

ކޮފީ ވިތު ކަރަންގައި ޒުވާން ތަރިންނަށް ފުރުސަތު ދޭން ފަށާފައިވާއިރު މިއީ ޝޯގެ ބެލުންތެރިން ޝައުގުވެރިވާނެ ކަމެއް ކަމަށް ބެލެވެ އެވެ.

ސާރާއާއި އަނަންޔާއަކީ ވެސް ބޮލީވުޑްގެ އާއިލާއަށް ނިސްބަތްވާ ދެތަރިންނެވެ. ސާރާގެ ބައްޕައަކީ ސައިފް އަލީ ޚާން އެވެ. އަދި އަނަންޔާގެ ބައްޕައަކީ ޗަންކީ ޕާންޑޭ އެވެ.

ކޮފީ ވިތު ކަރަން ސީޒަން 8ގެ ދެ އެޕިސޯޑެއް މިހާތަނަށް ދައްކާފައިވާއިރު އެ ދެ އެޕިސޯޑުގައި ފެނިގެންދިޔައީ ރަންވީރު ސިންހް - ދީޕިކާ ޕަދުކޯންއާއި ސަނީ ޑިއޯލް - ބޮބީ ޑިއޯލް އެވެ.