ރާއްޖޭގައި ބަޔޯޑީސަލް އުފެއްދުމަށް މަޝްރުއޫއެއް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހި ހޮޓެލް ގުރޫޕް އެޓްމޮސްފިއާ ކޯއިން ދުބާއީގެ ލޫޓާ ބަޔޯފިއުލްސްއާ އެކު އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ އެއްވަނަ ދުވަހާއި ދެވަނަ ދުވަހު ދުބާއީގެ މަދީނަތު ޖުމެއިރާގައި ކުރިއަށްދިޔަ ބިޒްނަސް ފޯރަމެއްކަމުގައިވާ "ދަ ޑީލްސް ހަބް"ގަ އެވެ. އެޓްމޮސްފިއާ ކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޗެއާމަން އިސްމާއީލް ހިލްމީ އެވެ. ލޫޓާ ބަޔޯ ފިއުލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޔޫސުފް ބިން ސައީދު ލޫތާ އެވެ.

މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ އާންމު ޑީސަލްގެ ބަދަލުގައި ބަޔޯޑީސަލް ބޭނުންކޮށްގެން ކާބަންޑައި އޮކްސައިޑްގެ އަސަރު ކުޑަކުރުމެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ބަޔޯޑީސަލް އުފެއްދުމަށްޓަކައި، ލަގްޒަރީ ރިސޯޓްތަކާއި ހޮޓަލްތަކާއި ރެސްޓޯރެންޓްތަކާއި ގޭބިސީތަކުން ބޭނުންކޮށްފައިވާ ކައްކާ ތެޔޮ އެއްކޮށް ރީސައިކަލް ކުރުމަށް އެހީތެރިވެދޭނެ އެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ އެމިޝަންސް ހާސިލް ކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް މި އެއްބަސްވުމުގެ ދަށުން މުހިންމު ދައުރެއް އަދާކުރާނެ އެވެ. މިއީ ރާއްޖޭގައި ރިސޯޓު ހިންގާ ކުންފުންޏަކުން ބަޔޯޑީސަލް އުފައްދަން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

ލޫޓާ ބަޔޯފިއުލްސްއަކީ ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ހަކަތަ އުފައްދަން 2010 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން ދެމެހެއްޓެނިވި ހަކަތަ އުފައްދަން ކުރާ މަސައްކަތްތަކުގެ ތެރޭގައި އެކި ތަންތަނުގައި ބޭނުންކުރާ ކުކިން އޮއިލް އެއްކޮށް، ގްރީން ބަޔޯފިއުލް ނުވަތަ ބަޔޯޑީސަލް އުފެއްދުން ހިމެނެ އެވެ.