ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ތަގުރީރު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދުބާއީ އަށް ފުރާވަޑައިގެންފި އެވެ.

ރައީސް ނަޝީދުގެ އޮފީހުން ބުނީ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 10 އާ ހަމައަށް ދުބާއީގައި ބާއްވާ 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސަކީ އިންވެސްޓަރުން އިންވެސްޓުކުރާ ގައުމުތަކުން ރެޒިޑެންސީ ދިނުމާ ގުޅޭ ގޮތުން ބާއްވާ ކޮންފަރެންސެއް ކަމަށެވެ.

މި ކޮންފަރެންސްގައި ދުނިޔެ އަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި ގައުމުތަކުގެ ތަރައްގީގައި ޓެކްނޮލޮޖީގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ނަޝީދުގެ އިތުރުން މި ކޮންފަރެންސްގައި ދުނިޔޭގެ ގައުމުތަކުގެ ވެރިކަން ކުރެއްވި އެހެން ބައެއް ބޭފުޅުން ވެސް ތަގުރީރު ކުރައްވާނެ އެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެ އެވެ. ދުބާއީ އަށް ކުރަށްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ ނޮވެމްބަރު 11 ވަނަ ދުވަހު އެވެ.