ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދުމަށް ބޭނުންވާ އަދަދަށް އެމްޑީޕީން ސޮއި ހަމަކޮށްފި އެވެ.
އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ދުރުކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް ބޭނުންވާ އަދަދަށް ސޮއި ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީޕީން ބުނެ އެވެ.
މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ގަރާރު ހުށަހެޅުމަށް މަޖިލީހުގެ ހަތަރު ބައިކުޅަ އެއްބައި މެމްބަރުންގެ ސޮއި ބޭނުންވެ އެވެ.
ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީގެ 49 މެމްބަރުންގެ ސޮއި އާ އެކު ހުށަހަޅާފައިވާ ގަރާރު މަޖިލީހުގައި ކުރިއަށް ނުގޮސްވަނީ މަޖިލީހުގެ ނައިބު ރައީސް އިވާ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާތަކަށް ސަލާން ފޮނުއްވުމުންނެވެ. އެމައްސަލަ އާއި ގުޅިގެން ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔުމަށްޓަކައި އެމްޑީޕީން ސްޕުރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ އީވާ ނެތަސް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މެމްބަރުންނަށް އެފަދަ ޖަލްސާއެއްގެ ރިޔާސަތު ވެސް ބެލެހެއްޓޭނެ ކަމަށެވެ.
އެއާ އެކު، ނަޝީދުގެ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމުން، ޑިމޮކްރެޓްސް މެމްބަރުން ވަނީ އެ ގަރާރު ހުށަހަޅާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ޖަލްސާ ކުރިއަށް ގެންދަން ހުރަސްއަޅުއްވައިފަ އެވެ. އެ ޖަލްސާއަށް އީވާ އަނެއްކާ ވެސް ސަލާން ވިދާޅުވެފައިވާތީ، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު ހަސަން އަފީފް ވަނީ އެކަން ބަލައިގަންނަވައި، ގަވާއިދާ ހިލާފު ގަރާރެއް ކަމަށް ކަނޑައަޅުއްވައި، އެ ގަރާރު އަލުން ހުށަހަޅަން އަންގަވައިފަ އެވެ.
އަފީފް ޖަލްސާ ނިންމައިލައްވަން އުޅުއްވުމުން، މަޖިލީހުގެ އަމީންއާންމު ވަނީ އެ ކަން އެގޮތަށް ނުކުރެވޭނެ ކަމަށް ލަފާ ދެއްވާފައިކަން އެނގިފައި ވެ އެވެ. އަދި އެ ނިންމުން ގޯސްކަމަށް ގަބޫލުކުރެވޭތީ، މަޖިލީހުގެ އިދާރާއިން ވަނީ އިތުރު ޖަލްސާއެއް މިއަދު ހެނދުނު ތާވަލުކޮށް، ނަޝީދުގެ ގަރާރު އަލުން އެޖެންޑާކޮށްފަ އެވެ.
އޭގެ ފަހުން، މިއަދު 11:30 ގައި ޖަލްސާއެއް ބޭއްވި އިރު، އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އީވާ ހަމައެކަނި ވިދާޅުވީ 11:30 އަށް އެޖެންޑާކުރި ޖަލްސާގެ އެޖެންޑާގައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރަކީ، ނިޒާމީ ނުކުތާއަކާ ގުޅިގެން، ރިޔާސަތުން ބޭރުކޮށްފައިވާ ގަރާރެއް ކަމަށެވެ.
މިމައްސަލައާއި ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން، މެމްބަރު އަފީފު އަދި އީވާ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތްކަމަށް ބުނެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް މައްސަލަ ހުށައެޅުމުން އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ އެކޮމިޓީންވަނީ އެ ދެ މެމްބަރުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް ނިންމާފަ އެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ބަންޑާރަ ނައިބުގެ ލަފާ ހޯދަން މަޖިލިހުގެ އިމްތިޔާޒް ކޮމިޓީން މިއަދު ވަނީ ނިންމާފަ އެވެ.