ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ނުފިއްލެވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދަން އަފީފް ކަން ކުރެއްވި ގޮތަކީ، މިދިޔަ 18 ވަނަ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އޭރުގެ މަޖިލީހުގެ ރައީސް މަސީހު ކަން ކުރެއްވި ގޮތަށް ވުރެ އަނިޔާވެރި އަމަލުތަކެއް ކަމަށެވެ.
އެ މައްސަލަ މިއަދުގެ ޖަލްސާގައި ކުރިއަށް ނުގެންދިއުމަކީ ވަރަށް ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވައި މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ކަޅު އަދި ލަދުވެތި ދުވަހެއްގެ ގޮތުގައި ފައްޔާޒު ސިފަކުރެއްވި އެވެ. އަދި ވޯޓާ ކުރިމަތިލެއްވުމަށް އޭނާ ނަޝީދަށް ގޮވާލެއްވި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އިއްވި ހުކުމާ އެކު، މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ނަޝީދުގެ މަގާމުން ވަކިކުރަން އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި ހުށަހެޅި ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ.
މަޖިލީހުގެ ނައިބު ރައީސް ނެތި ވެސް ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވާއިރު، މިއަދުގެ ޖަލްސާއަށް ވެސް އީވާ ވަނީ ސަލާމް ވިދާޅުވެފަ އެވެ. އެހެންވެ، މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އަފީފް އެވެ.
ފައްޔާޒު ނަޝީދަށް ވޯޓަށް ނުފިލުމަށް ގޮވާލައްވާފައިވާއިރު މިއަދު މަޖިލީހުގެ ދެ ޖަލްސާއެއް ބޭއްވުމަށް ނިންމި ނަމަވެސް މިއަދުވެސް ޖަލްސާ ކުރިއަށްދާ ގޮތް ވަނީ ނުވެފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވައިދާ އެއް ގޮތަށް ނޫން ކަމަށް ވިދާޅުވެ މިއަދު ހެނދުނު 9:00 އަށް އެޖެންޑާކުރި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު އެ ގަރާރު މަޖިލީހުން ބޭރުކޮށްލާފައިވަނިކޮށެވެ.
އަދި މިއަދު 11:30 ގައި ބޭއްވި ޖަލްސާގައިވެސް މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ އެމައްސަލައަކީ މަޖިލީހުން ބޭރުކޮށްލާފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޖަލްސާ ނިންމާލާފަ އެވެ. މިއާއެކު އީވާ އާއި އަފީފު މަޖިލިސްގެ ކަރާމަތައް އަރައިގެންފައިވާ ކަމަށް މަޖިލީހުން ވަނީ ނިންމާފަ އެވެ.