ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި މަޖިލިހަށް ހުށަހެޅި ގަރާރު ބޭރުކުރުމަށް ރިޔާސަތުން ނިންމީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ވިދާޅުވަމުން ގެންދެވީ ގަރާރެއްގައި ވަކި ސިފަތަކެއް ހުންނަން ޖެހޭ އިރު، ނަޝީދު ވަކިކުރުމުގެ ގަރާރުގައި ދީބާޖާއެއް ނެތް ކަމަށެވެ. އެހެންވެ، އެއީ ކުރިއަށް ގެންދެވޭނެ ގަރާރެއް ނޫން ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ އެ ގަރާރު ބޭރުކޮށްލިކަން އިއުލާން ކުރައްވައިފަ އެވެ. އަފީފް އެކަން ކުރެއްވީ މަޖިލިހުގެ އަމީން އާންމު ފާތުމަތު ނިއުޝާ އެކަމާ ދެކޮޅަށް ވަކާލާތު ކުރައްވަމުން ގެންދަވަނިކޮށެވެ.
އޭގެ ފަހުން، އިއްޔެ ބޭއްވި ދެވަނަ ޖަލްސާގައި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެ ގަރާރަކީ މަޖިލިހުގެ ތަޅުމުން ބޭރުކޮށްލާފައިވާ ގަރާރަކަށްވާތީ އެ މައްސަލަ ދެން އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުއްވައި ޖަލްސާ ނިންމަވާލައްވައިފަ އެވެ.
އޭޖީ އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލިހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރަކީ މަޖިލިހުގެ ގަވައިދުގެ 167، 168، 169 ވަނަ މާއްދާގައި ބަޔާން ކުރާ މެމްބަރުން ހުށަހަޅާ "އާންމު" ގަރާރުތަކާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ހިނގާ ގަރާރެއް ނޫން ކަމަށެވެ.
މަޖިލިހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރުގައި ފުރިހަމަވާން ޖެހޭ ހަމައެކަނި ޝަރުތަކީ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބައި މެމްބަރުންނަށް ވުރެ މަދު ނޫން މެމްބަރުން ލިޔެ، ސޮއިކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރުގައި ވަކި ކުރުމަށް ފެންނަ ސަބަބު ބަޔާން ކުރުން ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.
"މެންބަރަކު ޖަލްސާގައި ހުށަހެޅި ނިޒާމީ މައްސަލައަކާ ގުޅިގެން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަރާތުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް." ރިފްއަތު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ހުއްޓުމެއްނެތި ކުރިއަށް ގެންދަންޖެހޭ ޖަލްސާތަކެއް."
ރިފްއަތު ވިދާޅުވި ގޮތުގައި ނަޝީދުގެ ނުފޫޒު އޮތް ޑިމޮކްރެޓްސްގެ މެމްބަރުން ކަމަށްވާ އީވާ އާއި އަފީފް އެ ގަރާރުގެ ރިޔާސަތު ބެލެހެއްޓެވުމަކީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްލަހަތު ފުށުއެރުމުގެ އުސޫލާ ދިމާ އިދިކޮޅު މާނަކުރުމެކެވެ.
އެހެންކަމުން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަހަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުހިންމުކަމަށް އިސްކަންދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދާ ދެކޮޅަށް ހުށަހެޅިފައިވާ ގަރާރުގެ މައްސަލަ މިއަދު 11:00 ގައި އޮންނަ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. އީވާ އާއި އަފީފްގެ ނިންމުމާ މަޖިލިހުގެ އިދާރާ ވެސް ދެކޮޅެވެ.
މިކަމާ ގުޅިގެން މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ މިއަދުގެ ޖަލްސާގައި ރިޔާސަތުން ނަޝީދުގެ މައްސަލަ ބޭރުކޮށްލާފައިވަނީ ރަނގަޅަށް ނޫން ކަމަށް މަޖިލީސް އިދާރާއިން ދެކޭ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއިން ގަރާރު ބޭރުކޮށްލާފައިވަނީ އެގޮތަށް އަމަލުނުކުރުމަށް މަޖިލީހުގެ އަމީންއާއްމު ވެސް ލަފާދެއްވަފައި ވަނިކޮށް ކަމަށް ޒިޔާ ވިދާޅުވި އެވެ.
ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލިހަށް ހުށަހެޅި ގަރާރު ބޭރުކޮށްލާފައިވާތީ އީވާ އާއި އަފީފް މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް އިމްތިޔާޒް ކޮމިޓީން މިއަދު ވަނީ ނިންމައިފަ އެވެ.