އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓުގެ މަސައްކަތް މަޖިލިހުގައި ނުނިމިއްޖެ ނަމަ، ދަތިވާނީ އާ ސަރުކާރަށް ކަމަށް މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބަޖެޖާއި ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުމަށް މިއަދު 9:00 ގައި ފަށަން އޮތް މަޖިލިސް ކޯރަމް ހަމަނުވެގެން ވަނީ މެދުކަނޑާލައިފަ އެވެ. ބަޖެޓު ހުށަހަޅަން މިއަދަށް ޖަލްސާއެއް ތާވަލް ކުރި ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް އާލާސްކަންފުޅާ އުޅުއްވާތީ، ބަޖެޓު ހުށަހަޅުއްވަން ވަޑައިގެންނެވެން ނެތް ކަން ރޭ މަޖިލިހަށް ވަނީ އަންގަވައިފަ އެވެ.

މަޖިލިހުގެ ޖަލްސާ މެދުކަނޑާލުމުގެ ކުރިން ރިޔާސަތުގައި އިންނެވި އީވާ ވިދާޅުވީ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގާނޫނުއަސާސީ އާއި މާލިއްޔަތު ގާނޫނާއި މަޖިލިހުގެ ގަވައިދު ލާޒިމް ކުރާ ކަމަށެވެ. އަދި ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންގޮސް ނުނިންމިއްޖެ ނަމަ، ކުރިއަށް އޮތް ސަރުކާރަށް ދަތިތައް ދިމާވާނެ ކަން އެންމެންނަށް ވެސް އެނގޭ ކަމަށް އީވާ ވިދާޅުވި އެވެ.

"ދަތިތައް ދިމާވާނީ ސަރުކާރަށް އެކަންޏެއް ނޫން. ބަޖެޓާ ގުޅިފައިވާނީ ތަރައްގީގެ ހުރިހާ މަޝްރޫއެއް. ބަޖެޓާ ގުޅިފައިވާނީ އަމިއްލަ ރައްޔިތުން، އަމިއްލަ ވިޔަފާރިތައް ކުރާ ހުރިހާ މަސައްކަތެއް ވެސް ގުޅިފައިވާނީ ދައުލަތުގެ ބަޖެޓާ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ފޮނުވާފައި އޮތް ކަމުގައި ވިޔަސް، މަޖިލިހުގައި ކޮންމެހެން ކުރަން ޖެހޭ ކަންކަން މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުން ވަރަށް ސާފު ކަމަށެވެ. އެގޮތުން އެއް ކަމަކަށް ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކޯޓުގެ ހުކުމުން ލާޒިމް ކުރާ ކަމަށް އީވާ ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، މަޖިލިހުގެ އިދާރާ އިންނާއި ރިޔާސަތުން މިއަދު އަޅުގަނޑުމެން އަވަސްވެގަތީ ދައުލަތުގެ ބަޖެޓު އެޖެންޑާކޮށްގެން ކުރިއަށް ގެންދިއުމަށް،" އީވާ ވިދާޅުވި އެވެ.

މާލިއްޔަތު ގާނޫނާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ 1 ނޮވެމްބަރުގެ ކުރިން، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓު ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އީވާ ވިދާޅުވީ ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން ފިނޭންސް މިނިސްޓަރު ވަޑައިގެން މަޖިލިހަށް ބަޖެޓު ހުށަހެޅުއްވުމަށް ދައުވަތު ދެއްވި ކަމަށެވެ. އެކަމަކު، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ލަފައާ އެކީގައި އަމީރު މަޖިލިހަށް ވަޑައިގެންނެވުމަށް ދެކޮޅު ހެއްދެވި ކަމަށް އީވާ ވިދާޅުވި އެވެ.

"ނަމަވެސް ބަންޑާރަ މަނިކުފާނުގެ ލަފައަކާ އެކު މާލީ ވަޒީރު ވަނީ އެ ދުވަހު ޖަލްސާ އަށް ވަޑައިނުގަންނަވާފައި. އެއީ ބަންޑާރަ މަނިކުފާނުގެ ލަފައަކާ އެކު ކަމަށް ވިދާޅުވެ. ނަމަވެސް މި މައްސަލައާ ގުޅޭ މިދިޔަ ހަފްތާގެ ސުޕްރީމް ކޯޓުގެ ހުކުމުން ވަރަށް ސާފު ބަންޑާރަ މަނިކުފާނު ދެއްވާފައިވާ ލަފައަކީ ގޯސް ލަފައެއް ކަމަށް،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ މިއަދުގެ ޖަލްސާ ނުފެށިގެން އުޅެނީ ހަމައެކަނި އަމީރު ވަޑައިނުގަންނަވައިގެން ނޫން ކަމަށެވެ. އަދި މަޖިލިހުން ދެން އަމަލު ކުރާނެ ގޮތެއް ވެސް ނިންމޭނީ ކޯރަމް ހަމަވެގެން ކަމަށް އީވާ ވިދާޅުވި އެވެ.

މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން މަޖިލިހުގެ ތަޅުމަށް ވަޑައިނުގެން މަޖިލިހުގެ އިދާރާގެ ގޯތި ތެރޭގައި ތިއްބެވި ކަމަށް ވެސް އީވާ ތުހުމަތު ކުރެއްވެވި އެވެ. އެހެންވެ ޖަލްސާ ނިންމަވާ ނުލައްވައި، މެމްބަރުންނާ ވާހަކަ ދައްކަވައިގެން ކޯރަމް ހަމަ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް އީވާ ވިދާޅުވި އެވެ.