ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރައްވައި މަޖިލިސް އިދާރާގެ ގޯތިތެރޭގެ ކުޑަ ދޮށުގައި ތިއްބެވުމާ ގުޅިގެން މަޖިލިހުގެ ޖަލްސާ ނުފެށި ދިގުލައިގެން ހިނގައްޖެ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށަހެޅުމަށާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް މިއަދު 9:00 ޖަހާއިރު، ފަށަން އޮތް ޖަލްސާ ކޯރަމް ހަމަނުވެގެން ވަނީ މެދުކަނޑާލައިފަ އެވެ. މިހާރު އެ ޖަލްސާ ފަށާ ގޮތަށް އޮތީ މިއަދު 10:45 ގަ އެވެ.
ޖަލްސާ މެދުކަނޑާލުމުގެ ކުރިން މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ޖަލްސާ ފެއްޓެވުމުގެ ކުރިން އެމްޑީޕީގެ މެންބަރުން މަޖިލީހަށް ވަޑައިގަތް ނަމަވެސް އެ މެންބަރުން ތިއްބެވީ ތަޅުމަށް ނުވަދެ މަޖިލީހުގެ ކުޑަ ދޮށުގައި ކަމަށެވެ. އަދި ކޯރަމް ރަނގަބީލް ޖެހި ނަމަވެސް އެ ބޭފުޅުން ވަޑައިނުގަންނަވާ ކަމަށް އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ މިއަދުގެ ޖަލްސާ ނުފެށިގެން އުޅެނީ ހަމައެކަނި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިނުގަންނަވައިގެން ނޫން ކަމަށެވެ. އަދި މަޖިލިހުން ދެން އަމަލު ކުރާނެ ގޮތެއް ވެސް ނިންމޭނީ ކޯރަމް ހަމަވެގެން ކަމަށް އީވާ ވިދާޅުވި އެވެ.
"މިއަދު ޖަލްސާ ނުފެށިގެން މި އުޅެނީ ހަމައެކަނި ފިނޭންސް މިނިސްޓަރު ވަޑައިނުގެންނަވައިގެން ނޫން. މާލީ ވަޒީރު ވަޑައިގަންނަވާތޯ ނޫންތޯ ވެސް ނިންމެން އަންނަނީ ކޯރަމް ހަމަވި ނަމަ." އީވާ ވިދާޅުވި އެވެ.
މާލިއްޔަތު ގާނޫނާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮންމެ އަހަރެއްގެ 1 ނޮވެމްބަރުގެ ކުރިން، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓު ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅަން ޖެހޭ އިރު، ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން ފިނޭންސް މިނިސްޓަރު ވަޑައިގެން މަޖިލިހަށް ބަޖެޓު ހުށަހެޅުއްވުމަށް ދައުވަތު ދެއްވި ކަމަށް އީވާ ވިދާޅުވި އެވެ. އެކަމަކު، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ލަފައާ އެކީގައި އަމީރު މަޖިލިހަށް ވަޑައިގެންނެވުމަށް ދެކޮޅު ހެއްދެވި ކަމަށް އީވާ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާ އަށް އަމީރު ވަޑައިނުގެންނެވޭނެ ކަން އެންގެވީ އާލާސްކަންފުޅާ އުޅުއްވާތީ އެވެ.
އެމްޑީޕީގެ މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި ނަޝީދުގެ މައްސަލައާ މެދުގައި ގޮތެއް ނުނިންމައި އިތުރު އެއްވެސް މަސައްކަތެއް މަޖިލިހުގައި ނުކުރެވޭނެ އެވެ.
މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން މަޖިލިހުގެ ތަޅުމަށް ވަޑައިނުގެން މަޖިލިހުގެ އިދާރާގެ ގޯތި ތެރޭގައި ތިއްބެވުމުން ޖަލްސާ ނިންމަވާ ނުލައްވައި، މެމްބަރުންނާ ވާހަކަ ދައްކަވައިގެން ކޯރަމް ހަމަ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް އީވާ ވިދާޅުވި އެވެ.