އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓު މަސައްކަތް ކުރުމަށް ވުރެ ހައްސާސް މައްސަލައެއް މަޖިލިހުގައި އޮތް ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިިލިހުގެ އިދާރާގައި މިއަދު ބާއްވަން އޮތް ދެ ޖަލްސާގެ ތެރެއިން 9:00 ގައި ބާއްވަން އޮތް ޖަލްސާއަކީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ހުށަހެޅުމަށާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް ބާއްވާ ޖަލްސާއެކެވެ.

އެކަމަކު، ތިން ފަހަރަށް މަސައްކަތްކޮށްގެން ވެސް މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

ތިން ވަނަ ފަހަރަށް މަޖިލިހުގެ ޖަލްސާ މެދުކަނޑާލުމުގެ ކުރިން ރިޔާސަތުގައި އިންނެވި އީވާ ވިދާޅުވީ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަށް ތިން ފަހަރެއްގެ މަތިން ޖަލްސާ ބާއްވަން މަސައްކަތް ކުރި ނަމަވެސް ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއް ނުވި ކަމަށެވެ. އެކަމަކު، އެ ޖަލްސާ ބާއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އީވާ ވިދާޅުވި އެވެ.

އަދި މަޖިލިހަށް ހުށަހެޅިފައިވާ ކަންކަމަށް ބަލާއިރު، ދައުލަތުގެ ބަޖެޓަށް ވުރެ ވަކި އިތުރު މުހިންމު ކަމެއް ނެތް ކަމަށް އީވާ ވިދާޅުވި އެވެ.

"އެއަށް ވުރެ (ދައުލަތުގެ ބަޖެޓު) ހައްސާސް މައްސަލައެއް އަޅުގަނޑަކަށް ނުވިސްނޭ. އަހަރު ނިމެން ދާއިރު ދައުލަތުގެ ބަޖެޓު ފާސް ކުރުމަށް ވުރެ ވަކި އިތުރު ހައްސާސް މައްސަލައެއް އަޅުގަނޑަކަށް ނުވިސްނޭ މަޖިލިހުގައި،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ފޮނުވާފައި އޮތް ކަމުގައި ވިޔަސް، މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި މަޖިލިހުގައި ކޮންމެހެން ކުރަން ޖެހޭ ކަންކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. އެގޮތުން އެއް ކަމަކަށް ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކޯޓުގެ ހުކުމުން ލާޒިމް ކުރާ ކަމަށް އީވާ ވިދާޅުވި އެވެ.

އަދި މަޖިލިހަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތަކަކީ ވެސް މުހިންމު މައްސަލަތަކެއްގެ ގޮތުގައި އީވާ ފާހަގަ ކުރެއްވި އެވެ. ސުޕްރީމް ކޯޓުގައި ހުކުމުގައި ދައުލަތު ބަޖެޓު މަޖިލިހަށް ހުށަހެޅުމަކީ އެއްވެސް ހާލަތެއްގައި ކުޑަ ކަމެއް ނޫން ކަން ސުޕްރީމް ކޯޓުގެ ހުކުމްގައި ނެތް ކަމަށް އީވާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ހުކުމްގައި ދައުލަތް ހުއްޓުމަކަށް ނައިސް، ދައުލަތުން ކުރަން ޖެހޭ މިކަހަލަ ހައްސާސް މައްސަލަތައް އަދި ގާނޫނުއަސާސީން ކުރަން ޖެހޭ ކަން ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިއުމަށް ވަރަށް ބާރު އަޅާފައިވޭ." އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި ބަޖެޓުގެ މަސައްކަތް ކުރުމަކީ އޭނާގެ މައްޗަށް މިވަގުތު އޮތް ޒިންމާއެކެވެ. އެ މަސައްކަތް ކުރިއަށް ގެންދެވޭތޯ ބައްލަވާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.