ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ 50 މެމްބަރުންގެ ސޮޔާ އެކު އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ދުރުކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް ބޭނުންވާ އަދަދަށް ސޮއި ލިބިފައިވާ ކަމަށެވެ.
އީވާ މަގާމުން ވަކިކުރަން ސޮއިކޮށްފައި ވަނީ އެމްޑީޕީގެ 49 މެމްބަރުންނެވެ. އަދި އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވެސް ވަނީ އިވާ ވަކިކުރުމަށް ސޮއިކުރައްވައިފަ އެވެ.
މިއީ އީވާ މަޖިލީހުގެ ނައިބް ރައީސްކަމުން ވަކިކުރުމަށް ހުށައެޅި ދެވަނަ ފަހަރެވެ.
މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ގަރާރު ހުށަހެޅުމަށް މަޖިލީހުގެ ހަތަރު ބައިކުޅަ އެއްބައި މެމްބަރުންގެ ސޮއި ބޭނުންވެ އެވެ.
ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާފައިވާ ގަރާރު މަޖިލީހުގައި ކުރިއަށް ނުގޮސްވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާތަކަށް ސަލާން ފޮނުއްވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ، ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިއްޔެ ބޭއްވި ޖަލްސާގައި ވަނީ އެ މައްސަލަ ބޭރުކޮށްލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް މަޖިލީހުން ނަޝީދުގެ މައްސަލަ މިއަދަށް ވެސް ތާވަލުކުރި އެވެ.
މަޖިލިހުގެ ދެ ޖަލްސާއެއް މިއަދު އެޖެންޑާ ކުރިއިރު، 9:00 ގައި ތާވަލް ކުރި ޖަލްސާ އަށް އެޖެންޑާ ކޮށްފައި އޮތީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން އެ ޖަލްސާ ބޮއިކޮޓް ކުރެއްވުމާއި ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
ދެ ވަނަ ޖަލްސާ 11:00 ގައި ފެށި އިރު، އެ ޖަލްސާގައި އޮތީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނިންމުމެވެ. ނަމަވެސް އޭރު ރިޔާސަތުގައި އީވާ އިންނެވުމުން އެމްޑީޕީގެ މެމްބަރުން ވަނީ އަޑުގަދަ ކުރައްވައި އީވާ ރިޔާސަތު ދޫކުރައްވައި ވަޑައިގަތުމަށް ގޮވާލައްވައިފަ އެވެ. އަދި އެހެން ބޭފުޅަކާ ރިޔާސަތު ހަވާލު ކުރެއްވުމަށް އެ ބޭފުޅުން އެދިވަޑައިގެންނެވި އެވެ.