ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަގައި މިއަދު ހަވީރު ޖަލްސާއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުން އެޖެންޑާ ކޮށްފި އެވެ.
މިއަދު ހަވީރު 4:00 އަށް ތާވަލްކޮށްފައިވާ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ނަޝީދު ވަކިކުރުމުގެ މައްސަލަ އެކަންޏެވެ.
މަޖިލީހުގެ ދެ ޖަލްސާއެއް މިއަދު އެޖެންޑާ ކުރިއިރު، 9:00 ގައި ތާވަލް ކުރި ޖަލްސާ އަށް އެޖެންޑާ ކޮށްފައި އޮތީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން އެ ޖަލްސާ ބޮއިކޮޓް ކުރެއްވުމާއި ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
ދެ ވަނަ ޖަލްސާ 11:00 ގައި ފެށި އިރު، އެ ޖަލްސާގައި އޮތީ ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ގޮތެއް ނިންމުމެވެ. ނަމަވެސް އޭރު ރިޔާސަތުގައި އީވާ އިންނެވުމުން އެމްޑީޕީގެ މެމްބަރުން ވަނީ އަޑުގަދަ ކުރައްވައި އީވާ ރިޔާސަތު ދޫކުރައްވައި ވަޑައިގަތުމަށް ގޮވާލައްވައިފަ އެވެ. މަޖިލީހުގައި ހަމަނުޖެހުން ބޮޑުވެ 11:00 އަށް ތާވަލް ކުރި ޖަލްސާ ވެސް ކުރިއަށް ނުގެންދެވި މެދު ކަނޑާލި އެވެ.
މާދަމާ ޖަލްސާއެއް ބާއްވާނެ ކަމަށް އިއުލާން ކުރައްވާ މިއަދުގެ 11 ޖަހާއިރު ބޭއްވި ޖަލްސާ ނިންމާލާފައިވީ ނަމަވެސް ހަވީރު 4:00 އަށް އެހެން ޖަލްސާއެއް ރައްޔިތުންގެ މަޖިލީހުގައި ވަނީ އެޖެންޑާކޮށްފަ އެވެ.