އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގައި ޗައިނާގެ ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާ ސްޓޭޓް ކައުންސިލަރު ޝީއެން ވައި އައިޖިން ރާއްޖެވަޑައިގެންފި އެވެ.

ޗައިނާގެ ސްޓޭޓް ކައުންސިލަރު ރާއްޖެވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އެކަމަނާއަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.

ކުރީގެ މިނިސްޓަރު މޫސާ ޒަމީރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗައިނާގެ ރައީސް ޝީޖިންޕިންގެ ހާއްސަ މަންދޫބަށް މަރުހަބާ ދެންނެވުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރައްވާ، ޗައިނާއާއި އެކީ އޮންނަ ގުޅުމުގެ އަގު ރާއްޖެއިން އަބަދުވެސް ވަޒަން ކުރާނެކަމަށް ޒަމީރު ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެކަމަނާގެ މި ދަތުރުފުޅު ނިންމަލާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ޗައިނާގެ ރައީސް ހާއްސަ މަންދޫބެއް ފޮނުއްވިއިރު އަވަށްޓެރި އިންޑިއާ އިން މި ރަސްމިއްޔާތަށް ފޮނުވުމަށް ނިންމާފައިވަނީ އެގައުމުގެ ސައިންސް މިނިސްޓަރެވެ. އަދި ރާއްޖޭއާ ގާތް ގުޅުމެއް ބާއްވާ ގިނަ ގައުމުތަކުގެ މަންދޫބުން މިޖަލްސާގައި ބައިވެރިވެ އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި 46 ގައުމަކުން މަންދޫބުން ބައިވެރިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ސްރީލަންކާ، ސީޝެލްސް އަދި ޗައިނާ އިން ބައިވެރިވަނީ ގައުމުތަކުގެ ވެރިންގެ ފެންވަރުގައި ކަމަށެވެ.

އެގޮތުން މިރަސްމިއްޔާތުގައި ގައުމެއްގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހަގެ ދެކަނބަލުންނެވެ. ސީޝެލްސް އިން އެ ގައުމުގެ ނައިބް ރައީސް އަހްމަދު އަފީފް ބައިވެރިވެވަޑައިގަންނަވާއިރު ޗައިނާ އިން ބައިވެރިވެވަޑައިގަންނަވަނީ ޗައިނާގެ ރައީސްގެ ސްޕެޝަލް އެންވޯއީ ޝެން ޔީޖިން އެވެ. އޭނާ އަކީ އެ ގައުމުގައި ނައިބު ރައީސް ފެންވަރުގެ ބޭފުޅެކެވެ.

ޒިޔާއު ވިދާޅުވީ މިރަސްމިއްޔާތުގައި 12 ގައުމަކުން ވަޒީރު ފެންވަރުގައި ވެސް ބޭފުޅުން ބައިވެރިވާ ކަމަށެވެ. އަދި ބައެއް ގައުމުތަކުގެ އެންމެ އިސްވެރިންގެ ފަރާތްޕުޅުން ވެސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެމެރިކާ، ތުރުކީ، ޔޫއޭއީ، ސައުދި އަރަބިއްޔާ، ދެކުނު ކޮރެއާގެ ނަން ފާހަގަކުރެއްވި އެވެ. އަދި ރާއްޖެެއާ ގުޅުންހުރި ބައިނަލްއަގްވާމީ ފަސް ޖަމާއަތެއްގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާ އޮންނާނީ މާދަމާ ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގަ އެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.