ބޮލީވުޑްގެ ފިލްމުތަކުން ފެނިގެންދިޔަ ބައެއް ތަރިން މިހާރު ވަނީ ބޮލީވުޑް ދޫކޮށް ހޮލީވުޑްގެ މަސައްކަތްތައް ފަށާފަ އެވެ. އޭގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާފަދަ ތަރިން ފާހަގަ ކޮށްލެވޭއިރު އެތަރިންނަށް ބޮޑު ކާމިޔާބީއެއް ވެސް އަންނަނީ ލިބެމުންނެވެ.

އެހެން ނަމަވެސް ބޮލީވުޑްގެ ބައެއް ތަރިންނަކީ ހޮލީވުޑް ފިލްމުތަކުގައި އެކްޓް ނުކުރި ނަމަވެސް އެ ތަރިންގެ އަޑު މެދުވެރިކޮށް ހޮލީވުޑްގައި ފިޔަޖަހާލި ތަރިންނެވެ. މި ބަލާލަނީ ހޮލީވުޑް ފިލްމުތަކަށް އަޑު އަޅައިދިން ބައެއް ބޮލީވުޑް ތަރިންނަށެވެ.

ޝާހްރުކް ޚާން

ޝާހްރުކް ޚާންއަކީ ބޮލީވުޑްގައި ތައާރަފަކަށް ބޭނުންވާނެ ތަރިއެއް ނޫނެވެ. އޭނާގެ ތަފާތު އަޑުން ހޮލީވުޑްގެ ފިލްމެއް ކަމަށްވާ އިންކްރެޑިބަލްސްގެ މިސްޓަ އިންކްރެޑިބަލްސްއަށް އަޑު އަޅައިދީފައިވެ އެވެ. އެއާއެކު "ދަ ލައަން ކިންގް"ގެ ހިންދީ ވާޝަންގައި މުފާސާގެ ބަޔަށްވެސް އަޑު އަޅައިދީފައިވަނީ ޝާހްރުކް ޚާނެވެ.

އައިޝްވާރްޔާ ރާއީ

ޑިޒްނީގެ "މެލެފިޝަންޓް"އަކީ ގިނަ ބަސްތަކަކުން އަޑުއެޅި ގިނަ ބަޔަކު ބެލި ފިލްމެކެވެ. އެ ފިލްމުގެ ހިންދީ ވާޝަންގައި މެލެފިޝަންޓްގެ ރޯލަށް އަޑު އަޅައިދިނީ އައިޝްވާރްޔާ ރާއީ އެވެ. އެ ރޯލުގެ އަސްލު އަޑަކީ ހޮލީވުޑްގެ ތަރި އެންޖެލީނާ ޖޯލީ އެވެ.

ޕްރިޔަންކާ ޗޯޕްރާ

ހޮލީވުޑްގައި އެކްޓު ކުރުމުގެ އިތުރުން ވެސް އޭނާއަކީ ހޮލީވުޑްގެ ބައެއް ފިލްމުތަކަށް އަޑުވެސް އަޅައިދިން ފަރާތެކެވެ. އެގޮތުން "ދަ ޖަންގަލް ބުކް"ގެ ހިންދީ ވާޝަންގައި ކާގެ ރޯލަށް އަޑު އަޅައިދިނީ ޕްރިޔަންކާ އެވެ. ޕްރޔަންކާގެ އަޑުން އެ ރޯލަށް އިތުރު ފުރިހަމަކަމެއް ލިބުނު ކަމަށް އާއްމުން ބުނެ އެވެ.

ރަންވީރު ސިންހް

ހޮލީވުޑްގެ މަޝްހޫރު އެންޓި ހީރޯ ފިލްމު ޑެޑްޕޫލްގެ ހިންދީ ވާޝަންގައި ރަންވީރުގެ އަޑު ބޭނުން ކުރުން ވެގެންދިޔައީ އެ ފިލްމު ބެލި މީހުންނަށް އެ ފިލްމު އިތުރަށް ކަމުދިޔަ ކަމަކަށެވެ. ރަންވީރުގެ އަޑުގައި އެ ރޯލަށް ބޭނުންވާ އިހުސާސްތައް ހުރި ކަމަށް އެމީހުން ބުނެ އެވެ.

ޓައިގާ ޝްރޮފް

ސުޕަހީރޯ ފިލްމު "ސްޕައިޑާމޭން: ދަ ހޯމްކަމިން"ގެ ހިންދީ ވާޝަންގައި ސްޕައިޑާމޭންގެ ރޯލަށް އަޑު އަޅާދީފައިވަނީ ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް އެވެ. އެ ތަޖުރިބާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޓައިގާ ބުނީ އެއީ ހުވަފެނެއް ހަގީގަތަކަށްވުން ފަދަ ކަމެއް ކަމަށެވެ.