ރައީސުލްޖުމްހޫރިއްޔާގެ ރަސްމީކޮށް ގެކޮޅު ކަމަށްވާ މުލީއާގެ މަރާމާތު ކުރުމުގެ މަސައްކަތް ނިމެންދެން ރައީސް މުހައްމަދު މުއިއްޒު މި ވަގުތު ދިރިއުޅުއްވާނީ އަމިއްލަ ގެކޮޅު ކަމަށްވާ މ. ދިމްޔާތުގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު މުލިއާގެއަށް ބަދަލުވެވަޑައިގަންނަވާނީ މުލިއާގެ މަރާމާތުކުރުމުގެ މަސައްކަތް ނިމުމުން ކަމަށެވެ.

މުލިއާގެ މަރާމާތުކޮށް ނިމޭނެ ދުވަހެއް ސަރުކާރުން ހާމަކޮށްފައިނުވެ އެވެ.

ރައީސް މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ހަގު ދަރިކަލުންނާއި ސަލާމް ކުރައްވަނީ.. ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ރަސްމީގެކޮޅު ހިލާލީގެއަށް އަދި ބަދަލުވެވަޑައިނުގަންނަވަ އެވެ. ހިލާލީގެ ވެސް އަންނަނީ މަރާމާތު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ދަރިކަނބަލުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ..

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ދައުރު ނިމެން ކައިރިވުމުން އެމަނިކުފާނު މުލިއާގެއިން ނިކުމެވަޑައިގަތީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

މީގެ 104 އަހަރު ކުރިން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ މުލީއާގޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަގުތީ ގޮތުން ދިރިއުޅުއްވި އެވެ. އެއީ 1994 ވަނަ އަހަރު ތީމުގޭ މިހާރު ހުރިގޮތަށް އިމާރާތްކޮށް ނިމެންދެނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް އުޅުއްވީ ވެސް މުލީއާގޭގަ އެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ވަކި ހިސާބަކުން ދިރިއުޅުއްވީ މުލީއާގޭގަ އެވެ.

ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދިރިއުޅުއްވީ ހިލާލީގޭގަ އެވެ.