ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލާގެ ނޯޓިސް މިއަދު އީވާއަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފޮނުވައިފި އެވެ.

އީވާ ވަކިކުރަން 50 މެންބަރަކު ސޮއިކުރައްވައި ހުށަހެޅި މައްސަލަ މަޖިލީހަށް ބަލައި ގަނެ، އީވާ އަށް 14 ދުވަހުގެ ނޯޓިސް ފޮނުވީ މިދިޔަ ބުރާސްފަތީގަ އެވެ.

އީވާ މަގާމުން ވަކިކުރަން ސޮއިކޮށްފައި ވަނީ އެމްޑީޕީގެ 49 މެމްބަރުންނެވެ. އަދި އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވެސް ވަނީ އިވާ ވަކިކުރުމަށް ސޮއިކުރައްވައިފަ އެވެ.

މިއީ އީވާ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ހުށައެޅި ދެވަނަ ފަހަރެވެ.

މިހާރު ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ އީވާ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ހުށަހެޅި އިރު، މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު ވަނީ އަމިއްލަ އިސްތިއުފާ ދެއްވައިފަ އެވެ. ނަޝީދު އިސްތިއުފާ ދެއްވީ އެ މައްސަލާގައި އެޖެންޑާކުރި ޖަލްސާތައް ނުބޭއްވި މަޖިލީހުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މިހާރު އައްޔަކޮށްފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.