އިޒްރޭލުން ގާޒާއަށް ބޮން އެޅުން ކުރިޔަށް ގެންދާއިރު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ފަލަސްތީނަށް ތާއީދުކޮށް އެންމެ ގަދަޔަށް އަޑު އުފުލަމުން ގެންދާ ގައުމަކަށް އަޔަލޭންޑް ވަނީ ލޭބަލްވެފަ އެވެ.
އިޒްރޭލުން ގާޒާއަށް މެދުކެނޑުމެއް ނެތި އަޅަމުންދާ ބޮން އެޅުން ހުއްޓާލުމަށް ގޮވައިލުމާއި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ހޯދަ ދިނުމަށް ގޮވާލުން ފަދަ ގޮވާލުންތަކުގެ އަޑުތައް އަޔަލޭންޑްގައި ގަދަވަމުން އަންނައިރު، އަޔަލޭންޑުގެ ސަރުކާރުން ފަލަސްތީނަށް ކުރާ ތާއީދާއި، ދޭ އެއްބާރުލުން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
އޮކްޓޯބަރު 7 ގައި ހަމާސްގެ އަލް ގައްސާމް ބްރިގޭޑުން އިޒްރޭލަށް ހަމަލާދީ، ހާހަކަށް ވުރެ ގިނަ މީހުން މަރާލައި އެތައް ބަޔަކު ރަހީނުކުރުމާއެކު އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވުމުގައި އަޔަލޭންޑުގެ ބޮޑުވަޒީރު ލިއޯ ވަރަޑްކަރް ހުންނެވީ ވަރަށް ކުރީގަ އެވެ. ނަމަވެސް އޭގެ ހަފުތާއެއް ފަހުން އިޒްރޭލުން އަމިއްލަ ދިފާއުގެ ނަމުގައި ހިންގަމުންދާ ޖަރީމާއާ މެދު ސަމާލުވުމަށް ދުނިޔެއަށް ގޮވާލެއްވި ފުރަތަމަ ޔޫރަޕްގެ ލީޑަރަކަށް ވެސް ވެ ވަޑައިގެންނެވީ ވަރަޑްކަރް އެވެ.
"ނުބައި ކަންތައް ކުރުމުގެ ހައްގެއް އިޒުރޭލަކަށް ލިބިގެނެއް ނުވޭ،" މުޅި ޔޫރަޕްގައި އިޒުރޭލަށް އަމިއްލަ ދިފާއުގައި ހަރަކާތްތެރިވުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށް ބުނަމުން ދަނިކޮށް ވަރަޑްކަރު ވިދާޅުވި އެވެ.
އޭނާގެ ވާހަކަ އަމާޒުކުރެއްވީ އިޒްރޭލުން އަމިއްލަ ދިފާއުގެ ނަމުގައި ކުޑަކުދިންނާއި އަންހެނުން މަރަމުންގެންދާ ދިއުމަކީ އަމިއްލަ ދިފާއުގައި ކުރާ ކަމެއް ކަމަށް ނުބެލެވޭނެ ކަމަށް ދޭހަވާ މޭރުމުންނެވެ.
އަޔަލޭންޑުގެ ބޮޑުވަޒީރު ވަނީ އިޒުރޭލުން ކުރަމުން ގާޒާގައި ހިންގަނީ ހަނގުރާމައިގެ ކުށްތަކެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.
އަޔަލޭންޑްގެ ރައީސް، އުމުރުފުޅުން 82 އަހަރުގެ މައިކަލް ހިގިންސް ވެސް ވަނީ އިޒްރޭލާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސެލާ ވޮންޑަލީން އިޒުރޭލަށް ހިފެހެއްޓުމެއް ނެތް ތާއީދު އޮތް ކަމަށް ވިދާޅުވުމާ ގުޅިގެން އުރުސުލާ ވާހަކަފުޅު ދައްކަވަނީ އަޔަލޭންޑުގެ ފަރާތުން ނޫން ކަމަށް ވިދާޅުވި އެވެ.
އިޒްރޭލުން ގާޒާއަށް ބޮން އަޅަން ފެށި ފަހުން ހަނގުރާމަ ހުއްޓާލައި ސުލްހަވުމަށް އެންމެ ފުރަތަމަ ގޮވާލި ޔޫރަޕްގެ ގައުމަކީ ވެސް އަޔަލޭންޑެވެ.
އަޔަލޭންޑުން ފަލަސްތީނަށް ހަމްދަރުދީވެ، އެއްބައިވަންތަކަން ހާމަކުރަމުންގެންދާ ސަބަބުތަކެއް ވާނެ ކަމީ ޔަގީންކަމެކެވެ. ދިރާސާކުރާ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަޔަލޭންޑުން ފަލަސްތީނަށް ހަމްދަރުދީވާ އެންމެ ބޮޑު ސަބަބަކީ އެ ގައުމުގެ ތާރީޚުގައި އިނގިރޭސިންގެ އަޅުވެތިކަމުގައި ހޭދަކުރި ހޭދަ ކުރުނެވެ. އެ އަޅުވެތިކަމުން ސަލާމަތްވުމަށް ކުރި މަސައްކަތުގެ ސަބަބުން އެފަދަ ހާލަތުގައިވާ އެހެން ގައުމުތަކާ މެދު ހަމްދަރުދީވުމުގެ ރޫހު އެގައުމުގެ ރައްޔިތުންގެ މެދުގައި ހުރުމެވެ.
ފަލަސްތީނާއި މެދުއިރު މައްޗާ ބެހޭ އަޔަލޭންޑުގެ ތަޖުރިބާކާރަކު އަލް ޖަޒީރާއަށް ވިދާޅުވިގޮތުގައި އެންމެ ފުރަތަމަ އިޒުރޭލު އުފެދުނުއިރު އައިރިޝް މީހުން ތާއީދުކުރީ އިޒްރޭލަށެވެ. އެއީ ފަލަސްތީނު އުފެއްދުމުގެ މެންޑޭޓާ އެކު އެވެ. އެހެނަސް 1967 ވަނަ އަހަރުގެ 7 ދުވަހުގެ ހަނގުރާމައަށް ފަހު އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފަން ފެށުމާއެކު އަޔަލޭންޑުގެ ތާއީދު ފަލަސްތީނުގެ ކޮޅަށް ބުރަވި އެވެ.
1980 ވަނަ އަހަރު އަޔަލޭންޑުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ޔޫއެންގައި ވަކާލާތުކުރިއިރު އެއީ ޔޫރަޕްގެ ގައުމަކުން އެގޮތަށް ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. އޭގެ 13 އަހަރު ފަހުން އިޒްރޭލުގެ އެމްބަސީއެއް އަޔަލޭންޑުގައި ހުޅުވިއިރު އެ ގައުމަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އިޒްރޭލްގެ އެމްބަސީ އެންމެ ފަހުން ހުޅުވި ގައުމަށެވެ.
އިޒްރޭލުން އަމިއްލަ ދިފާއުގެ ނަމުގައި ގާޒާއަށް ބޮން އެޅުމާ ދެކޮޅު ހެދުމުގެ ގޮތުން އެ ގައުމުގައި ހުންނަވާ އިޒްރޭލުގެ އެމްބެސެޑަރު ފޮނުވާލުމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލެއް ވަރަށް ހަނި ގޮތަކަށް ވަނީ ފެއިލްވެފަ އެވެ. ހަމަ އެފަދައިން އިޒްރޭލްގެ ސަރުކާރު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ރިފާކުރުމަށް ނެގި ވޯޓު ވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ.
އަޔަލޭންޑްގެ މަގުތައް ފަލަސްތީނަށް ތާއީދުކޮށް ނަގާފައިވާ ދިދަތަކާއި ބެނާތަކުން ފުރިފައި ވާއިރު އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރުން ވަނީ އާންމުވެފަ އެވެ.
އެ ގައުމުގެ ސަރުކާރުން ގެންދަނީ ބައިނަލްއަގުވާމީ ގޮތުން އިޒްރޭލަށް ޕްރެޝާ ކުރެވޭތޯ މަސައްކަތް ކުރުމުގެ އިތުރުން ފަލަސްތީނަށްޓަކައި ފައިސާގެ ބޮޑެތި އެހީ ވެސް ވަމުންނެވެ. ގާޒާއަށް ބޮންއަޅައި ހަނގުރާމަ އިތުރުވަމުންދާ ވަރަކަށް އަޔަލޭންޑުގެ ސަޕޯޓު ފަލަސްތީނަށް ވަނީ އިތުރެވެ.