ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމަށް ހަމްދީ އަގީލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.

ހަމްދީ އަގީލަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން މާސްޓާ އޮފް ކޮމާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ މީގެކުރިން އެފްއެސްއެމް އާއި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ހަމްދީ ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއެކު އެވެ.

މީގެކުރިން އެ ބޯޑުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ބޯޑަށް މެމްބަރުން އައްޔަން ނުކުރެ އެވެ.

އެ ބޯޑުން ހުސްވެފައިވާ ތިން މެމްބަރު ކަމަށް ރައީސް މުއިއްޒު ވަނީ ބޭފުޅުން އައްޔަން ކުރައްވާފަ އެވެ. އޭގެތެރޭގައި ހިމެނެނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ލޯކަލް ގަވާމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ އާދަމާއި އެކައުންޓިން އެންޑް ފައިނޭންސް ގެ ދާއިރާއިން: އަޙްމަދު މުޝްތާގާއި ބޭންކިންގެ ދާއިރާއިން ލީނާ އަބްދުލް ޖަލީލު އެވެ.

ބީސީޕީގެ ކޯރަމް ހަމަނުވާތީ ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކުރުން އޮތީ ހުއްޓިފަ އެވެ. ނަމަވެސް ދެން ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަން ކުރުމަށް އޮތް ހުރަސް ނެތި ދިޔައީ އެވެ.