ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭން ބޭރުގެ ފުރަތަމަ ދަތުރުފުޅު ސައުދީ އަރަބިއާ އަށް ނުކުރެއްވުނެވެ.

ސައުދީގެ ބަދަލުގައި ރައީސް މުއިއްޒު އާއި އަނބިކަނބަލުން، އާ ފަސްޓް ލޭޑީ، ސާޖިދާ މުހައްމަދު މިއަދު ވަނީ ތުރުކީ އަށް ފުރާވަޑައިގެންފަ އެވެ. ރައީސް އޮފީހުން ބުނީ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ރައީސް އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވަޑައިގަންނަވަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުންނާއި، ދެ ގައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ރިޔާސީ އިންތިޚާބަށް ފަހު ރައީސް މުއިއްޒު ބޭރުގެ ފުރަތަމަ ދަތުރުފުޅު އިންޑިއާ އަށް ކުރައްވާނެ ކަމަށް ބެލެވިފައި ވަނިކޮށް އެމަނިކުފާނުގެ ފަރާތުން ވަނީ ފުރަތަމަ ވަޑައިގަންނަވާނީ ސައުދީ އަށް ކަމަށް ހާމަކޮށްފަ އެވެ. އަދި ރައީސްގެ ރަސްމީ މީޑިއާތަކުން ވަނީ އެ ދަތުރުފުޅުގައި މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު ސައުދީ އަށް ވަޑައިގަންނަވާނެކަން އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ދަތުރުފުޅުގައި ސައުދީ އަށް ވަޑައިނުގެންނެވި ސަބަބެއް އަދި އެ ދަތުރުފުޅު ކެންސަލްވި ކަމެއް ނުވަތަ ފަސްކުރި ކަމެއް ވެސް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ މިއަދާ ޖެހެންދެން ބައެއް މީހުންނަށް ހީވެފައި އޮތީ ރައީސް މުއިއްޒު ހުންނެވީ ސައުދީގައި ކަމަށެވެ.

އާ ސަރުކާރު ހުވާކުރުމާ އެކު މީޑިއާތަކުގެ އިސް ފަރާތްތަކާ ބައްދަލުކޮށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން އޮފީހުން ބުނެފައި ވަނީ މި ސަރުކާރުން އެއްވެސް ކަމެއް ސިއްރު ނުކޮށް ހާމަކުރާނެ ކަމަށެވެ. ނަމަވެސް ރައީސް އޮފީހުން އެއްވެސް މައުލޫމާތެއް ހާމަކޮށް ނުވާތީ ރައީސްގެ ސައުދީ ދަތުރުފުޅަށް ވީގޮތެއް ނޭނގިގެން އާއްމުންގެ ތެރޭގައި ތަފާތު ގޮތްގޮތަށް ވާހަކަތައް ދަނީ ފެތުރެމުންނެވެ. އެއްބަޔަކު ބުނާ ގޮތުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި ސައުދީއާ ގުޅުން ބޮޑުވުމުން، ރައީސް ޔާމީންގެ އިޝާރާތަކަށް ސައުދީން އެ ދަތުރު ފަސްކުރީ އެވެ. ރައީސް އާމީން މިހާރު ވަނީ ސަރުކާރު ކޯލިޝަނާ ވަކިވެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ސައުދީގެ މަތީ ފަންތީގެ ވަފުދަށް ރަނގަޅު ފެންވަރެއްގެ މެހްމާންދާރީއެއް މި ސަރުކާރުން އަދާކޮށްފައިނުވާތީ ސައުދީން ހިތްހަމަނުޖެހުނީ އެވެ.

ރައީސް މުއިއްޒު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ 30 ނޮވެމްބަރު 2023 ގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް-28) ގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެވެ.