ޓްރީޓޮޕް ހޮސްޕިޓަލުން އައިވީއެފް ހެދި ފުރަތަމަ ބެޗުން ހަ މީހަކު ބަނޑުބޮޑުވެ، ފަރުވާ ކާމިޔާބުވެއްޖެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ހޮސްޕިޓަލްގެ ފާޓިލިޓީ ސްޕެޝަލިސްޓް، ޑރ. ޒާކިޔާ އަހުމަދު ވިދާޅުވީ މިދިޔަ މެއި މަހު ހުޅުވި ފާޓިލިޓީ ސެންޓަރުން 16 މީހަކު އައިވީއެފް ހަދަފައިވާ ކަމަށެވެ. އޭގެ ތެރެއިން އެމްބްރިޔޯ ޓްރާންސްފާ ހެދި 10 މީހުންގެ ތެރެއިން ހަ މީހުން މާބަނޑު ވެފައިވާ ކަމަށް ޒާކިޔާ ވިދާޅުވި އެވެ.

ޒާކިޔާ ވިދާޅުވީ ހޮސްޕިޓަލުން އައިޔޫއައި ފަރުވާ ހޯދި މީހުންވެސް ކާމިޔާބުވެފައި އެބަތިބި ކަމަށެވެ. ޒަކިޔާ ވިދާޅުވީ ޓްރީޓޮޕް އިން އައިވީއެފް ހެދި މީހުންގެ ތެރޭގައި ރާއްޖެއިން ބޭރުގައި ހަތަރު ފަހަރު އައިވީއެފް ހަދައި ނާކާމިޔާބުވި މީހެއް ވެސް ހިމެނޭ ކަމަށެވެ.

"މިހާރު އައިވީއެފް މިހަދަނީ ބެޗުތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް ޕްލޭނަކީ ކޮންމެ ދުވަހަކު ނުވަތަ މަދުވެގެން ހަފުތާއަކު އައިވީއެފް ހިދުމަތް ދިނުން. " ޒާކިޔާ ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލް އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ހިދުމަތް ދޭން ފެށި ހޮސްޕިޓަލް އެވެ.

އައިވީއެފް ހެދުމަށް ބޮޑު ހޭދައެއް ކުރަންޖެހޭ އިރު ދަރިމައިވުމުގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ޑރ. މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން ވަނީ އިފްތިތާހް ކޮށްފައެވެ. އެ ޕްލޭންގައިވާގޮތުން ސަރުކާރުގެ ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައި ދަރިމައިވުމާގުޅޭ ފަރުވާގެ ހިދުމަތްތައް، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ އެވެ. އޭގެތެރޭގައި "އައިވީއެފް ޓްރީޓްމަންޓް" ހިމެނެ އެވެ.