މިހާރުގެ ރައީސް، މުހައްމަދު މުއިއްޒުއަށް ވުރެ ދޯދިޔާކޮށް ވެރިކަމެއް ކުރެއްވި ރައީސަކު ދެކިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫހުގެ އެތެރެފުށް ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހުރިހާ ވެރިކަމެއްވެސް ތަޖުރިބާ ކުރެއްވިއްޖެ ކަމަށާއި، އެހެންނަމަވެސް މުއިއްޒުއަށް ވުރެ ދޯހަޅިކޮށް ވެރިކަން ކުރެއްވި ބޭފުޅަކު ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި މި ވެރިކަމުގައި ހުރިހާ ގޮތަކުން ރާއްޖޭގެ ހުރިހާ ދިމާލަކަށް ބެލިކަމުގައިވީ ނަމަވެސް ރައްޔިތުން ދަނީ ތަކުލީފު އުފުލަމުން ކަމަށެވެ.
"އަޅުގަނޑެއް ނުދެކެން މިހާރު މި ހުންނެވި ވެރިޔާ، މުއިއްޒު ވަރަށް، މުއިއްޒުހާ ދޯހަޅިކޮށް ދޯދިޔާކޮށް ވެރިކަމެއް ކުރި ރައީސްއަކު އަޅުގަނޑެއް ނުދެކެން އިނގޭތޯ؟ ހުރިހާ ގޮތަކުން ވެސް، ހުރިހާ ގޮތަކުން ރާއްޖޭގެ ހުރިހާ ދިމާލަކަށް ބެއްޔަސް ރައްޔިތުން އެ ސަފާ ކުރަނީ އިނގޭތޯ؟" ޔާމީން ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުގައި އިގުތިސާދީ އަދި ސިޔާސީ ވިސްނުމެއް ނެތް ކަމަށާއި،ގާނޫނުއަސާސީގެ ހުރިހާ ބާރުތައް މުށުތެރެއަށްލައްވާ، އެއްވެސް މުއައްސަސާއަކަށް އެ މުއައްސަސާ އޭގެ ޒާތުގައި އަސާސީން މަތިކޮށްފައި އޮތް އަމާނާތް އަދާ ކުރުމުގެ ޖާގަ ނުދެއްވާ ކަމަށެވެ.
މީގެ އިތުރުުންވެސް ރައީސް ޔާމީން ވިދާޅުވީ، ސިފަ ކުރާ ކަމަށްވަންޏާ މިއަށްވުރެ ހުދުމުހުތާރު ވެރިކަމެއް ނުފެންނާނެ ކަމަށާއި، އެންމެ ރިވެތި ގޮތަކީ ވެރިކަން ނުކުރެވޭނެކަން ގަބޫލުކޮށް ވެރިކަމުން އަމިއްލައަށް އިސްތިއުފާ ދެއްވުން ކަމަށެވެ.