ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެންފުޅި ރާއްޖޭގައި ވިއްކުން މަނާކުރާ ތާރީހަށް ބަދަލުގެނެސްފި އެވެ.
ރައީސް މުއިއްޒު އިއްޔެ ވަނީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު އަލުން ކަނޑައަޅުއްވައިފަ އެވެ. މި ލިސްޓް އަލުން ކަނޑައެޅުއްވީ އެ މަނިކުފާނު މިކަމާގުޅޭ ގޮތުން ނެރުއްވި ގަރާރަކުންނެވެ.
ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ، ސިންގަލް-ޔޫސް ޕްލާސްޓިކުގެ ތެރެއިން، މި ގަރާރުގައި ހިމަނައިފައިވާ ލިސްޓުގައި ބަޔާންކޮށްފައިވާ 14 ބާވަތުގެ ތަކެއްޗަކީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ކަމުގައި ކަނޑައަޅުއްވައި އެ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ބާޒާރަށް ނެރުން މަނާ ތާރީޚު ގަރާރުގައި ވަނީ ކަނޑައަޅުއްވައިފަ އެވެ.
މިދިޔަ އަހަރު ކަނޑައެޅުއްވި ލިސްޓުގައި ހިމަނުއްވާފައިވަނީ 13 ބާވަތެއް ނަމަވެސް އިއްޔެ ނެރުއްވި ގަރާރުގައި ވަނީ 14 ބާވަތެއް ހިމަނުއްވައިފަ އެވެ. އިތުރު ކުރައްވާފައިވާ ބާވަތަކީ ޕްލާސްޓިކް ޕެކެޓުގައި ބަންދުކޮށް ސުޕާރި އެތެރެކުރުމުގެ އިތުރުން ޕްލާސްޓިކް ޕެކެޓު ފިޔަވައި އެހެނިހެން ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ އެވެ.
ލިސްޓުގައި ހިމެނޭ 14 ބާވަތުގެ ތެރެއިން އެތަކެތި ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބާޒާރަށް ނެރުން މަނާކުރާ ތާރީހަށް ބަދަލުގެންނަވައިފައި ވަނީ ލިސްޓުގެ 13 ވަނައިގައި ހިމެނޭ ބާވަތަށެވެ.
އަލަށް ގެންނަވައިފައިވާ ބަދަލާއެކު އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، 2024 އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން މަނާވާނެ އެވެ. އަދި 2024 ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން އެތަކެތި ބާޒާރަށް ނެރުން މަނާވާނެ އެވެ.
ރައީސް މި ގަރާރު ނެރުއްވުމާއެކު، ތިމާވެށްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ކުރީން ކަނޑައަޅައިފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކާއި، އެތަކެތި ރާއްޖޭގައި އުފެއްދުމާއި، ރާއްޖެއަށް އެތެރެކުރުމާއި، ބާޒާރަށް ނެރުމާ ގުޅޭ ގޮތުން ކުރިން ކަނޑައަޅުއްވައިފައި އޮތް ގޮތް ވަނީ ބާޠިލު ކުރައްވައިފަ އެވެ.