ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަމުގެ މަގާމުން އޭނާ ވަކި ކުރަން ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ގެއްލުމުން ދޭ އަދަބެއްގެ ގޮތުގައި ކަމަށް އެ މަގާމުން އިސްތިއުފާ ދެއްވި އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ ނައިބު ރައީސް ކަމުން އީވާ ވަކި ކުރަން ހުށަހެޅި ގަރާރަށް މަޖިލިހުގެ ތަޅުމުގައި ޖަވާބުދާރީވެވަޑައިގަންނަވަމުން އީވާ ވިދާޅުވީ މަޖިލިހުގެ ނައިބު ރައީސް ކަން ކުރެއްވުމުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާއި މަޖިލިހުގެ ގަވައިދަކާ ހިލާފުވެ ވަޑައިގެންފައި ނޯންނާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ވެސް ހިލާފުވެވަޑައިގެންފައި ނުވާނެ ކަމަށް އީވާ ވިދާޅުވި އެވެ.

"އެމްޑީޕީއެއް، ޕީޕީއެމެއް، ޕީއެންސީއެއް، ޖުމްހޫރީ ޕާޓީއެއް، އަދި އެހެން ސިޔާސީ ޕާޓީއެއްގެ ނުވަތަ އަމިއްލަ އިއްޒަތްތެރި މެމްބަރަކު ވެސް މި ތަނުގައި ނީންނަވާނެ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަން ކުރުމަށް އަޅުގަނޑު ނާގާބިލްއޭ ވިދާޅުވާނެ." އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރިޔާސަތު ބަލަހައްޓާފައި ވާނީ، އެކަން ކުރުމަށް މަޖިލީހުގެ އަމީން އާންމު އަންގަވައި އެކަމުގެ ސިޓީ ފޮނުއްވި ޖަލްސާތަކުގައި އެކަނި ކަމަށެވެ.

"ރައީސްކަމުން ނަޝީދު ވަކިކުރުމަށް ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފުވީ ކާކުކަން ތާރީހަށްޓަކައި ކޮންމެވެސް ދުވަހަކުން ހާމަވާނެ، ރައީސް ނަޝީދު ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދިޔައީ އަޅުގަނޑު މިތާ އިންދާ ގަވާއިދާ ހިލާފަށް އެހެން ބޭފުޅަކު ރިޔާސަތަށް އަރުވައިގެން،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި މިއީ އެމްޑީޕީ އާއި ކުރީގެ ސަރުކާރުން އޭނާ އަށް ދޭ އަދަބެކެވެ. އީވާ ވިދާޅުވީ އޭނާ މަގާމުން ވަކިކުރަން ހުށަހެޅި މައިގަނޑު ސަބަބަކީ، "ނާގާބާލު، ކިބުރުވެރި" ސަރުކާރަކާ ދެކޮޅަށް ތެދުވެ، އެ ސަރުކާރަށް "ނާގާބިލު ކިބުރުވެރި ސަރުކާރެކޭ ބުނުން" ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

"ހަގީގަތަކީ، އެ ސަރުކާރުން މާ ބޮޑަށް އަޅުގަނޑާ ނުުރުހުނީ. އަދި އަޅުގަނޑު ވެސް މާ ބޮޑަށް އެ ސަރުކާރާ ނުރުހުނީ. އެހެންވީމަ، އިއްޔެގެ އެމްޑީޕީގެ ސަރުކާރާ ނުރުހިގެން، އަޅުގަނޑު ބަސް ބުނެގެން، އަޅުގަނޑަށް ދޭ އަދަބު މިއީ." އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ހިންގި ވެންޓިލޭޓަރު ހިޔާނާތާ ގުޅޭ ގޮތުން މަޖިލިހަށް ހުށަހެޅި ގަރާރަށް ފަހު، އޮޑިޓަ ޖެނެރަލް ހިންގެވި ފުރަތަމަ ދިރާސާ އިން އެ ވެންޓިލޭޓަރުގެ ވައްކަން ހާމަވި ދުވަހު މި އަދަބު ދޭނެ ކަން އެނގިވަޑައިގެންނެވި ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގެ ދަރަނި އެކުލަވާނުލައިގެންނާއި އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ އާއި މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ އާއި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ކޮޅެއްގައި ނުޖެހުމުން އެކަމާ އިހްތިޖާޖް ކުރައްވައި މައްސަލަތައް ހުށަހެޅުއްވި ދުވަހު، އޭނާއާ ސަރުކާރުން "ދިމާ ކުރާނެ" ކަން ވެސް އެނގިވަޑައިގެންނެވި ކަމަށް އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ނާޖައިޒު ކަންކަން ކުރާ މީހުންގެ ވާހަކަ ދެއްކީމަ، އެ ދައްކާ މީހާ އަށް އަދަބެއް ދެވިދާނެ ކަމަށެވެ. އެކަމަކު، މަގާމެއް ދިފާއު ކުރުމަށް ބޭއިންސާފުން ދާ ގަޑިއެއްގައި ދޫ ބަންދުކޮށްގެން އިނުން އެއީ އޭނާ ދަންނަ ތަރުބިއްޔަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް. ތިޔަ ޒާތީ، ސިޔާސީ، ނުވަތަ ބުރުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ތާއްޓެއް ނުވާނަން. ވައްކަމުގެ ހާއްޔެއްގައި އަޅުގަނޑު ތާއްޓެއް ނުވާނަން. އަމިއްލަ މަގާމެއް [ނުވަތަ] މަންފާއެއް ދިފާއުކުރުމަށްޓަކައި ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތައް ކަފުން ކުރާ މީހަކަށް އަޅުގަނޑު ނުވާނަން،" އީވާ ވިދާޅުވި އެވެ.