މިނިސްޓަރު ފައިސަލަކީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން ފައިސަލަށް ޓޫރިޒަމް ދާއިރާގައި ތަޖުރިބާއެއް ނެތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރޭ ބޭއްވި އެވޯޑް ހަފްލާއެއްގައި އިނގިރޭސި ބަހުން ވާހަކަ ދެއްކެވި ގޮތުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

މިނިސްޓަރު ފައިސަލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ބޯޓިން އެސޯސިއޭޝަނުން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކައާ ގުޅިގެންނެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު ފައިސަލު ދެއްކެވީ އެއްވެސް ތާކުން ޖެހޭ ވާހަކަތަކެއް ނޫން ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ރާއްޖޭގެ އިގުތިސާދީގެ މައިނާރު ކަމަށްވާ ޓޫރިޒަމް ދާއިރާގެ ކަންކަން ބެލެހެއްޓުމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން ފައިސަލަށް ހަމަޖެއްސެވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި އޭނާ އަކީ އެ މިނިސްޓްރީ ހިންގުމުގެ ގާބިލްކަން އަދި ތަޖުރިބާ ވެސް ނެތް މީހެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އިނގިރޭސި ބަހުން ކުރިއަށް ގެންދެވި އެ ވާހަކަ ހަމަނުޖެހޭ ކަމަށާއި މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކު އެފަދަ އިން ވާހަކަ ދެއްކެވުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް އެ މީހުން ބުނެ އެވެ.

ފަތުރުވެރިކަމުގައި ދުނިޔޭގެ އެއް ވަނަ މަންޒިލުގެ ގޮތުގައި ރާއްޖެ އޮތްއިރު، އެ ދާއިރާގެ ކަންތައް ބަލަހައްޓަން ހުންނެވި އެންމެ އިސްވެރިޔާގެ "ފެންވަރު ދަށްވުމަކީ" ކަންބޮޑުވުމެއް އަދި ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިކަމާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަދި ރައީސް އަބްދުﷲ ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަރުގަދަ ސުވާލެއް ރައީސް މުއިއްޒާ ވަނީ ކުރިމަތި ކުރައްވާފަ އެވެ.

"ރައީސް މުއިއްޒަށް ދިމާވެފައި މި ވަނީ ކޮން ފަދަ މަޖުބޫރު ކަމެއްބާ؟" ޑރ.ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުވާލު ކުރެއްވި އެވެ.

ޖަމީލް ވަނީ ދިވެހި ގައުމުގެ ހައިބަތާ ކަރާމާތް ނެތީތޯ ވެސް ސުވާލު ކުރައްވާފަ އެވެ.