ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ދިފާއީ ގުޅުން އިތުރަށް ވަރުގަދަ ކުރަން މިއަދު ދެ ގައުމުން މަޝްވަރާކޮށްފި އެވެ.
ޑިފެންސް މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ. އަދި އިންޑިއާގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
އިންޑިއާ ހައި ކޮމިޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުވުމަކީ އެކުވެރި މާހައުލެއްގައި ކުރެވުނު ބިނާ ކުރުވަނިވި، މަޝްވަރާތަކެއް ކަމަށެވެ. މި ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމާއި ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އިންޑިއާގެ ސަފީރު، ޑިފެންސް މިނިސްޓަރުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި ކުރެއްވި މަޝްވަރާތަކުގެ އަމާޒަކީ ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ދިފާއީ އެއްބާރުލުން ކަމަށެވެ.
ދިފާއީ އަދި ސަލާމަތީ އެއްބާރުލުމާ ބެހޭ ގޮތުން ޑިފެންސް މިނިސްޓަރާއި އިންޑިއާ ސަފީރު މަޝްވަރާ ކުރެއްވި އިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އިންޑިއާ އަށް ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ތުރުކީއާއި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއަދާ ހަމައަށް އައިއިރު އިންޑިއާގެ އެންމެ އިސް ބޭފުޅުންނާއެކު ގިނަ ބައްދަލުވުންތަކެއް ބޭއްވިފައިވާ ކަމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް އެގައުމުގެ ސަރުކާރަށް ވެސް އަންގާފައިވާ ކަމަށެވެ.
"ކުރިން ކުރެވުނު މަސައްކަތާއި މިއަދާ ހަމައަށް ކުރެވުނު ހުރިހާ މަސައްކަތެއްގައި އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
އިންޑިއާ ސިފައިން އަނބުރާ ގެންދަން އެދުމަކީ ރައީސްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ އެންމެ މުހިންމު އެއް ކަމަކީ ވެސް އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވާލުމެވެ.
މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި 77 އިންޑިއާ ސިފައިން ތިބި ކަމަށެވެ.