އަންނަ ހަފްތާގައި އަތޮޅުތެރެއަށް ދަތުރުތައް ރައީސް މުހައްމަދު މުއިއްޒު ފެއްޓެވުމަށް ނިންމައިފި އެވެ.

މިއީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް މުއިއްޒު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެކު މަސައްކަތް ކުރެއްވުމަށް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ދަތުރުތައް ފެއްޓެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ރައްޔިތުން ގާތަށް އަޅުގަނޑުމެން ދާނެ، އަންނަ ހަފްތާގެ ތެރޭގައި މި ދަތުރުތައް ފެށޭނެ. ކޮންމެ ރަށަކަށް ވެސް ދާނަން. މާލޭގެ އެކި ދިމަދިމާލަށް ވެސް އަޅުގަނޑުމެންގެ ޓީމުތައް ދާނެ." ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ދަތުރުތަކަކީ ސަރުކާރު ހިންގުމުގެ ޒިންމާއެއް ނުވަތަ ސިލްސިލާ މަސައްކަތެއްގެ ގޮތުގައި ކުރައްވާނެ ކަމެއް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތްތައް ވެސް އަދި ކެބިނެޓްގެ މަސައްކަތްތައް ވެސް ވަޒަން ކުރާނީ ރައްޔިތުން ކަމަށާއި، ބޭނުންފުޅު ވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން އެމަނިކުފާނާ އެކު ތިބިކަން ޔަގީން ކުރައްވާ ކަމަށެވެ. އަދި އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނު ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ތ. ގުރައިދޫއަށް ކަމަށެވެ. މިގޮތަށް ނިންމަވާފައި ވަނީ ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު އެމަނިކުފާނަށް ދެއްވި ރަށަކީ ތ. ގުރައިދޫ ކަމަށްވާތީ އެވެ.