ފެނަކަ ކޯޕަރޭޝަނުން މަޝްރޫއުތައް ހިންގާ ރަށްރަށުގެ ތެރެއިން މިހާރު އެއްވެސް މަސައްކަތެއް ނެތް 40 ރަށެއްގައި ތިބި މުވައްޒަފުންގެ ތެރެއިން ވަޒީފާގެ އެއްބަސްވުން ހަމަވެފައިވާ 900 މުުވައްޒަފުންގެ އެއްބަސްވުން އާ ނުކުރަން އެ ކުންފުނިޖން ނިންމައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ މިދިޔަ މަހުގެ ނިޔަލަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން އެއްބަސްވުން ހަމަވެފައިވާ 1،800 ވަރަކަށް މުވައްޒަފުން ތިބި ކަމަށެވެ. އޭގެތެރެއިން 900 މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރަން ވަނީ ނިންމާފަ އެވެ. މުއާޒު ވިދާޅުވިގޮތުގައި އެއީ 40 ރަށެއްގައި ތިބި މުވައްޒަފުންނެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އެ ކުންފުނީގެ މަސައްކަތަށް ބޭނުންނުވާ އެފަދަ މުވައްޒަފުން ވަކިކޮށްލާނެ ކަމަށެވެ.
މުއާޒު ވިދާޅުވީ މިހާރު ވެސް ހިނގަމުންދާ މަޝްރޫއުތަކުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ވަކިކޮށްފައިނުވާނެ ކަމަށެވެ. އަދި އެ ކުންފުނިން އަމަލުކުރާނީ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އިންތިހާބީ ރައީސްގެ އޮފީހުން ބުނެފައި ވަނީ ނިމިިދިޔަ ފަސް އަހަރުގެ ތެރޭގައި 5،000އަށް ވުރެ ގިނަ މުވައްޒަފުން ފެނަކައަށް ނަގާފައިވާ ކަމަށެވެ.
ސަރުކާރު ބަދަލުވުމާއެކު ފެނަކައިގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ އެމްޑީޕީން މިދިޔަ ހަފްތާގައި މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފެނަކައިގެ ހަރަދުތައް ދެކޮޅުޖެއްސުމަށް ބޮޑުތަނުން ހަރަދު ކުޑަކުރަންޖެހޭ ކަމަށެވެ.
އެއްވެސް ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފަ އެވެ.