ރައީސް ޑރ. މުހައްމަދު މުއިއްޒު ޓޫރިޒަމް މިނިސްޓަރަކަށް އަލަށް އައްޔަންކުރި އިބްރާހިމް ފައިސަލަށް އިނގިރޭސި ބަހެއް ނޭނގެ އެވެ. އެއީ މިހާރު އެންމެނަށް ވެސް އެނގޭ ކަމެކެވެ. އެކަމަކު އެއީ އެހާވަރުގެ މައްސަލައެއް ހެއްޔެވެ؟ ގަދައަށް ވައިގައި ހިފާފައިވާ މި ސުވާލުގެ ޖަވާބާ ބެހޭ ގޮތުން އެއްޗެއް ބުނުމުގެ ކުރިން ތަންކޮޅެއް ކުރީގައި ހިނގާފައިވާ ހާދިސާއެއްގެ ވާހަކަ ދައްކާލަން އެބަ ޖެހެ އެވެ.
އެއީ މިހާރުގެ ސަރުކާރު އިންތިޚާބުވެ، ކެބިނެޓް އެކުލަވާލަމުން ގެންދިޔަ ދުވަސްވަރެވެ. ބައްދަލު ނުވާތާ އެތައް އަހަރެއް ވެފައިހުރި ވަރަށް ގާތް ރަހުމަތްތެރިއެއްގެ ފޯނު ކޯލެއް ލިބުނެވެ. އޭނާ ގުޅީ ރައީސް މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުންނާ ބެހޭގޮތުން ހުރި ނުތަނަވަސް ކަމުގެ ވާހަކަ ދައްކާލާށެވެ. ޚާއްސަކޮށް ޓޫރިޒަމް މިނިސްޓަރެވެ. އޭނާގެ ބަހުންނަމަ ޓޫރިޒަމް މިނިސްޓަރަކަށް އޭރު އޮތީ ޕީޕީއެމް/ޕީއެންސީ ހިންގެވުމާ އޭރު ހަވާލުވެ ވަޑައިގެން އޭރު ހުންނެވި އަބްދުއްރަހީމްގެ ދަރިފުޅު ފައިސަލެވެ. ކަންބޮޑުވުމަކީ ފައިސަލްގެ ތައުލީމީ ފެންވަރެއް ނެތުމެވެ. އޭގެ އިތުރުން ޓޫރިޒަމްގެ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތުމެވެ.
އޭނާ ބުނި ގޮތުގައި ފައިސަލަކީ ރައީސް ޔާމީންގެ ވެރިކަމުގައި މެލޭޝިއާ އެމްބަސީގެ ވަޒީފާއެއް ދީފައި އެގައުމުގެ ކޮލެޖަކުން ކިޔަވަން ބަހައްޓައިފައި ހުރި މީހެކެވެ. ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަން ނިމި ފައިސަލް އެނބުރި އައިއިރު އޭނާއަށް ކިޔެވި އެއްޗަކުން ފާސްނުވުމުގެ ސަބަބުން ލިބު ސެޓްފިކެޓެއް ނެތެވެ. އޭގެ އިތުރުން ޓޫރިޒަމް ފަދަ ބޭރު ގައުމުތަކާ ސީދާ ގުޅުން ހުރި ދާއިރާއެއް ހިންގަން ހުންނަ މީހަކަށް އިނގިރޭސި ބަސް ރަނގަޅަށް އެނގެން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭއިރު ރަހުމަތްތެރިޔާ ވަރަށް ޔަގީންކަމާއެކު ބުނީ ފައިސަލަށް އިނގިރޭސި ބަހުން ވާހަކަ ދައްކަން ނޭނގޭނެ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ފައިސަލްގެ މައްސަލައިގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ވަރަށް ފުންނާބު އިސް ބޭފުޅުން ރައީސް މުއިއްޒާ ބައްދަލު ކުރެއްވި އެވެ. އެބޭފުޅުން މުއިއްޒަށް ދެންނެވީ ދާއިރާގެ ތަޖުރިބާހުރި މީހަކު މިނިސްޓަރަކަށް ލައި ދެއްވުމަށެވެ. އެހެން ނަމަވެސް ރައީސް ވިދާޅުވި ކަމަށް ވަނީ ފައިސަލާއެކު މަސައްކަތް ކުރެއްވުމަށް ފުރުސަތު ދެއްވުމަށެވެ.
ފޯނުން ގުޅި ރަހުމަތްތެރިޔާގެ ބޭނުމަކީ އެކަމާ ބެހޭ ގޮތުން ނޫހުގައި ލިޔުމެއް ލިޔުއްވުމެވެ. ބޭނުންވާ ހުރިހާ މައުލޫމާތާއި ހެކި ލިބޭނެ ކަމަށް އޭނާ ބުންޏެވެ.
ރަހުމަތްތެރިޔާގެ ވާހަކަ ކިތަންމެ ވަރަކަށް ގަބޫލު ކުރެވުނު ކަމަށް ވިޔަސް މިހާރު ރާއްޖޭގެ ތައުލީމު ކުރިއަރާފައި އޮތް ހިސާބަށް ބަލާއިރު އިނގިރޭސި ބަހަށް އެހާ ކޮށި މީހުން ތިބެދާނެކަމާ މެދު ސުވާލު އުފެދުނެވެ. ހަމަ އެއާއެކު ރައްޔިތުން ފަޚުރުވެރިވާ ވަރުގެ ކެބިނެޓެއްގެ އެކުލަވާލައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި އޮތް އޮތުމަކީ ވެސް އެވަރުގެ މީހަކު ކެބިނެޓަށް ހޮވައިފާނެތޯ ސުވާލު އުފެދުނު ކަމަކަށް ވި އެވެ. އެހުރިހާ ކަމެއްގެ އިތުރުން އަލަށް ހޮވި ވަޑައިގެންނެވި ރައީސް، އެމަނިކުފާނުގެ ވަޒީރުންގެ މަޖިލިސް އިއުލާން ކުރެއްވުމުގެ ކުރިން އެ މަޖިލީހުގެ މެންބަރުންނާ މެދު ވާހަކަ ދެއްކުމަކީ ރަނގަޅު ކަމަކަށް ނުފެނުމުން އެ ލިޔުން ނުލިޔަން ނިންމީމެވެ.
އޭގެ މާގިނަ ދުވަހެއް ނުވެ ފެނިގެން ދިޔައީ ރައީސް މުއިއްޒުގެ ކެބިނެޓް އިއުލާން ކުރެއްވި ތަނެވެ. އެއާ އެކު އެ ކެބިނެޓްގެ އެކި އެކި މިނިސްޓަރުން ޕްރޮމޯޓު ކުރުމަށްޓަކައި ބައެއް މީޑިއާތަކުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން ދިޔަ ތަނެވެ. ޓޫރިޒަމް މިނިސްޓަރު ފައިސަލްގެ ޕްރޮމޯޝަން ވަރަށް ބާރަށް ކުރިއަށް ދިޔަ އެވެ.
ފާޑުކިއުންތަކާއި ޕްރޮމޯޝަންތަކާއެކު ރައީސުލް ޖުމުހޫރިއްޔާގެ ޚާއްސަ މުޝީރު އަބްދުއްރަހީމްގެ ދަރިފުޅު ފައިސަލް، ވަޒީފާގެ ހައިސިއްޔަތުން ފުރަތަމަ އާންމު ފެނިލުމަކަށްވީ މޯޑިވްސް ބޯޓިންގް އެސޯސިއޭޝަންގެ އެވޯޑިންގް ހަފުލާ ޝަރަފްވެރިކޮށް ދިނުމުގެ ޖަލްސާ އިންނެވެ.
އެހަފުލާގައި އޭނާ އިނގިރޭސި ބަހުން ދެއްކެވި ހައެއްކަ ޖުމުލަ ހިމެނޭ ކުރު ވާހަކަކޮޅަށް އާންމުންގެ ފާޑުކިއުން ވަނީ އިންތިހާއަށް އަމާޒުވެފަ އެވެ. ރީތިކޮށް ލިޔެފައި އޮތް އެ ހައެއްކަ ޖުމްލަ ބަލައިގެން ފަރިތަކޮށް ކިޔާލަން ނޭނގުން ބައެއް މީހުނަށް ބޮޑު މައްސަލައަކަށް ވެއްޖެ އެވެ. އެފަދަ މީހުންގެ ނަޒަރުގައި ދިވެހިރާއްޖެ ފަދަ ތައުލީމީ ގައުމެއްގެ ޓޫރިޒަމް މިނިސްޓަރު ކަމަށް ފައިސަލް ކުފޫހަމައެއް ނުވެ އެވެ.
ފައިސަލަށާއި ސަރުކާރަށް ތާއީދުކުރާ މީހުން އަވަސްވެގަތީ ބޮޑު ސުވާލަކާއެކު އޭނާ ދިފާއުކުރާށެވެ. އެމީހުންގެ ސުވާލަކީ ރާއްޖޭގެ މިނިސްޓަރަކަށް އިނގިރޭސި ބަސް ނޭނގުމަކީ މައްސަލައެއް ހެއްޔެވެ؟ އެ ސުވާލާއެކު އެމީހުން ދައްކާ ހުއްޖަތުތަކުގެ ތެރޭގައި ބޭރު ގައުމުތަކުގެ ރައީސުންނާއި މިނިސްޓަރުން އެބޭފުޅުންގެ އަމިއްލަ ބަހުން ވާހަކަ ދައްކަވާ ވާހަކަ އެވެ. ހަމަ އެފަދައިން އެފަދަ ބޭބޭފުޅުން ބޭރު ގައުމުތަކުގައި ވާހަކަދައްކަވާއިރު ތަރުޖަމާނުން ބޭނުން ކުރައްވާ ވާހަކަ އެވެ. އެހުރިހާ ވާހަކަ ވެސް ރަނގަޅެވެ. އެކަމަކު އެ ވާހަކަތަކާ ދެކޮޅުހަދާ މީހުންގެ ހުއްޖަތް ވަރަށް ގިނަ އެވެ.
ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމެކެވެ. ގައުމުގެ ޓޫރިޒަމަކީ ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ މަގުބޫލުކަން ލިބިފައިވާ އިންޑަސްޓްރީއެކެވެ. 50 އަހަރުވީ ދުނިޔޭގެ ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ އުސް ކުންނުގައި ރަސްކަން ކުރަމުން އަންނަ ރާއްޖޭގެ ޓޫރިޒަމަށް ތަފާތު ގިނަ ޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ޓޫރިޒަމް ދާއިރާގެ ތަޖުރިބާ ކާރުން އަންނަނީ ބުނަމުންނެވެ. ދުނިޔޭގެ މުއްސަނދި ގައުމުތަކުން ގިނަ އަދަދެއްގެ ފައިސާ ޚަރަދުކޮށްގެން ރާއްޖޭގެ ޓޫރިޒަމް މޮޑެލަށް ރަށްތައް ތަރައްގީކުރަމުން އައުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ.
ޓޫރިޒަމް އިންޑަސްޓްރީ އަކީ 100 ޕަސެންޓް ބޭރާ ގުޅުން އޮތް އިންޑަސްޓްރީއަކަށް ވެފައި، އެ އިންޑަސްޓްރީ ހިންގަވަން ހަވާލުވެވަޑައިގެން ހުންނަވާ ވަޒީރަށް އިންޑަސްޓްރީގެ މައި ބަސް ކަމަށްވާ އިނގިރޭސި ބަހުން ވާހަކަ ދައްކަވަން ނޭނގުމަކީ ހަމައެކަނި ލަދުވެތި ކަމެއް ނޫނެވެ. އެއީ އިންޑަސްޓްރީއަށް ލިބޭނެ ބޮޑު ގެއްލުމެކެވެ. އެވާހަކަ އިންޑަސްޓްރީގެ އިސް ފަރާތްތަކުން ވަނީ ދައްކަވައިފަ އެވެ. އެކަމާ ގުޅުންހުރި އެހެން ފަރާތްތަކުން ވަނީ ފާޑު ކިޔައިފަ އެވެ. އެހެނަސް އެ އަޑު އައްސަވަން ރައީސުލް ޖުމުހޫރިއްޔާއަކަށް ހުންނެވި ޑރ. މުއިއްޒު ބޭނުންފުޅުވެވަޑައެއް ނުގަންނަވަ އެވެ. އެމަނިކުފާނަށް އެއީ މައްސަލައެއް ނޫނެވެ.
ރައީސް އަކީ މުޢިއްޒު ހުރިހާ ބާރެއްގެ ވެރިޔަކީ އަދުރޭ.!
އިޓްސް ބިކޯސް އޮފް އަދުރޭ. މުޢިއްޒު ނޯޒް ހައު ޕަވަރފުލް އަދުރޭ އިޒް