ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްލޭޓްލެޓް ރިޗް ޕްލާޒްމާ ފަރުވާ ތައާރަފްކޮށްފި އެވެ.

ޕްލޭޓްލެޓް ރިޗް ޕްލާޒްމާ ފަރުވާ ނުވަތަ ލޭގައި ހިމެނޭ ޕްލޭޓްލެޓް ސެލް ގިނަ ޕްލާސްމާ ބޭނުން ކޮށްގެންދޭ ފަރުވާ އަކީ ކަށީގެ އެކި އަނިޔާތަކާ އަދި ބައެއް ކަށީގެ ބަލިތަކަށް ދެވޭ ހާއްސަ ފަރުވާއެކެވެ.

ޕްލެޓްލެޓް އެކުލެވޭ ޕްލާޒްމާ ފަރުވާ ތައާރަފްކުރުމުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑިރެކްޓަރ އޮފް މެޑިކަލް ސާވިސަސް ޑރ. މަލަޑެން ނޯޓެކް ދެއްކެވި ވާހަކަފުޅުގައި މި ފަރުވާ ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭން ފެށުމަކީ ކަށީގެ އެކި ކަންކަމަށް ފަރުވާ ހޯއްދަވަމުންދާ ބޭފުޅުންނަށް ލިބިގެންދާނެ ބޮޑު ފަސޭހައެއްކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ކޮންސަލްޓެންޓް އޯތޮޕެޑިކްސް ޑރ. ކަންނިރާޖް މަރިމުތޫ ވަނީ ޕްލެޓްލެޓް އެކުލެވޭ ޕްލާޒްމާ ޕްރޮސީޖާ އަދި މެޝިން މަސައްކަތްކުރާ ގޮތް ލައިވްކޮށް ދައްކާލައިފަ އެވެ.

"ޓްރީ ޓޮޕް ހޮސްޕިޓަލްގައި މި އާ ހިދުމަތް ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި ކުރިއަށް އޮތްތާގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ،" ޑރ. މަލަޑެން ނޯޓެކް ފާހަގަކުރެއްވި އެވެ.

"ޓްރީ ޓޮޕް ހޮސްޕިޓަލުން އެވިޑެންސް ބެކްޑް މެޑިސިން ބޭނުންކޮށްގެން ޕްލެޓްލެޓް ރިޗް ޕްލާޒްމާ ޓްރީޓްމަންޓް ފަދަ ޒަމާނީ ހިދުމަތް ތައާރަފް ކުރަމުން އަންނަ އިރު، މި ފަރުވާގެ ސަބަބުން ބަލި މީހުންނަށް ބޮޑު ލުއެއް ލިބޭނެ އެވެ. ނަމަވެސް ޕްލެޓްލެޓް އެކުލެވޭ ޕްލާސްމާއަކީ ކޮންމެކަމަށް ހުރި ފަރުވާއެއް ނޫންކަން އެނގުމަކީ މުހިންމު ކަމެކެވެ. ޕްލެޓްލެޓް އެކުލެވޭ ޕްލާޒްމާގެ ސަބަބުން ކަކުލުގެ އާތުރައިޓިސް ފުރަތަމަ މަރުހަލާ، ހެމްސްޓްރިންގް ޓިއާ، ލެޓަރަލް އެޕިކޮންޑިލައިޓިސް (ޓެނިސް އެލްބޯ ނުވަތަ މަސްވެރިންގެ އުޅަބޮށްޓަށްވާ ތަނދު)، އެންކަލް އެންޑް ހީލް ޕެއިން ނުވަތަ އަކިލީސް ޓެންޑިނޯޕެތީ އަދި ޕްލާންޓާ ފެސިޓިސް ފަދަ ކުޅިވަރުގެ އަނިޔާތައް ފަދަ ހާއްސަ ހާލަތްތަކުގައި ވަރަށް ބޭނުންތެރި ފަރުވާއެކެވެ." ކޮންސަލްޓަންޓް އޯތޮޕެޑިކްސް ޑޮކްޓަރު ވިދާޅުވި އެވެ.