އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަ ވަނަ ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިނުވި އެވެ.

މިއީ އިންޑިއާ ކަނޑުގެ ސަލާމަތަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. މިފަހަރު މި ބައްދަލުވުން ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީލަންކާގެ މަންދޫބުން ހިމެނިވަޑައިގަންނަވާ ގޮތަށް ފެށި ބައްދަލުވުމެކެވެ. މި ކޮންކްލޭވްގެ މެމްބަރު ގައުމެއްގެ ގޮތުގައި މޮރިޝަސް ބައިވެރިވީ މިދިޔަ އަހަރު އެވެ.

މިފަހަރުގެ ބައްދަލުވުމުގައި އޮބްޒާވަރުންގެ ގޮތުގައި ސީޝެލްސް އާއި ބަންގްލަދޭޝްގެ ވަފުދެއް ބައިވެރިވި އެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ރާއްޖެ އިން ބައިވެރި ނުވާ އިރު، ޗައިނާގެ ބެއިޖިންގައި މިދިޔަ ހަފުތާގައި ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ރާއްޖެ އިން ބައިވެރިވެފައިވެ އެވެ. މި ފޯރަމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ. ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ރާއްޖެ އިން ބައިވެރިނުވެ ޗައިނާގައި އޮތް ފޯރަމްގައި ބައިވެރިވި މައްސަލަ އިންޑިއާގެ ނޫސްތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިއާ އާއި، ސްރީލަންކާއާއި ރާއްޖެއިން ގުޅިގެން، ސަލާމަތީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް އުފައްދާފައިވާ ފްރޭމްވާކެކެވެ. މިފްރޭމްވާކް ބިނާވެފައިވަނީ މައިގަނޑު ހަތަރު ތަނބެއްގެ މައްޗަށެވެ. އެއީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ސައިބަ ސެކިއުރިޓީ ކަށަވަރުކުރުމެވެ.

މި ބައްދަލުވުން މިދިޔަ އަހަރު އޮތީ ރާއްޖޭގަ އެވެ. އެ ފަހަރު ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.