ސިއްހީ ދާއިރާ އަށް ހިދުމަތް ކުރުމަށް ފަހު، ހިދުމަތުން އެކި ސަބަބުތަކާ ހުރެ ވަކިވެފައިވާ ސިއްހީ ހިދުމަތްތެރިން އަލުން މަސައްކަތަށް ނެރެން ބާރު އެޅުމަށް ދިރާސާއެއް ހަދަން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ދިރާސާ ހަދަނީ ހިދުމަތުން ދުރުވެފައިވާ މީހުން އަލުން ހިދުމަތް ކުރުމުގެ މަގު ތަނަވަސްކޮށް ދިނުމަށް ކަމަށެވެ. އެގޮތުން އެކަމާ ގުޅޭ ހާއްސަ ސިޔާސަތެއް އެކަށައަޅަން ނިންމާފައިވާ ކަމަށް އިއުލާންގައިވެ އެވެ.

އެ ދިރާސާގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހު ކުރިން ފޯމެއް ފުރިހަމަ ކުރަން ހެލްތު މިނިސްޓްރީން އެދިފައި ވެ އެވެ. އިތުރު މައުލޫމާތު ހޯދަން 3014407 ނުވަތަ 3014419 ނަމްބަރަށް ގުޅަން ވަނީ އެދިފަ އެވެ.

ކުރީގެ ސަރުކާރުތަކުގައި ގާނޫނަށް ގެނައި ބަދަލުތަކާ ހެދި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެތައް ހިދުމަތްތެރިންނެއް އެ ދާއިރާ ދޫކޮށްލަން މަޖުބޫރުވި އެވެ.

މިދިޔަ ސަރުކާރުގައި ވަނީ ރަށްރަށުގެ ސިއްހީ ކަންކަމުގައި ޕްރައިމަރީ ހެލްތް ކެއާ ނުވަތަ ހެލްތު ވޯކަރުން އިސް ސަފުގައި މަސައްކަތްކުރި ގޮތަށް އެކަން ބަދަލުކުރަން ނިންމައި އެ މަސައްކަތް ފަށައިފަ އެވެ.