ކުވެއިތުގެ އަމީރު ޝެއިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްސަބާހް އަވަހާރަވުމާ ގުޅިގެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ކުވެއިތުގެ އަމީރު ޝެއިޚް ނަވާފް މިއަދު އަވަހާރަވުމުގެ ހިތާމައިގައި، މާދަމާ އިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

ޝެއިޚް ނަވާފް އަވަހާރަވީ މިއަދުގެ ވަގުތެއްގަ އެވެ. އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި ރައީސް މުއިއްޒު ވަނީ ތައުޒިޔާގެ މެސެޖެއްވެސް ފޮނުއްވާފަ އެވެ.

ރައީސް ވިދާޅުވީ ޝެއިހް ނަވާފު އަވަހާރަވި އަޑުއެއްސެވީ ފުން ހިތާމައާ އެކު ކަމަށާއި އަމީރުގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތް ރާއްޖެ އަބަދުވެސް ހަނދާން ކުރާނެ ކަމަށެވެ.

ޝެއިޚް ނަވާފް ކުވައިތުގެ އަމީރުކަމުގެ ހުވާ ކުރެއްވީ ކުރީގެ ރައީސް އަލްމަރުހޫމް ޝައިޚް ސަބާހް އަލް އަހްމަދު އަލް ސަބާހް 2020 ވަނަ އަހަރު އަވަހާރަވުމުންނެވެ. ޝެއިޚް ނަވާފް މީގެ ކުރިން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ކުވައިތުގެ ދިފާއީ ވަޒީރުކަން ހިމެނެ އެވެ.

އުމުރުފުޅުން 86 އަހަރުފުޅުގައި ނަވާފް އަވަހާރަވުމާ ގުޅިގެން ކުވެއިތުން ވަނީ 40 ދުވަހުގެ މުއްދަތަކަށް ހިތާމަ ފާޅުކުރުމާ އެކު، ތިން ދުވަސް ވަންދެން ރަސްމީ އިދާރާތައް ބަންދުކުރަން ނިންމައިފަ އެވެ.

ޝެއިޚް ނަވާފް އަވަހާރަވުމުން ކުވައިތުގެ އަމީރަކަށް ދެން ވަޑައިގަންނަވާނީ އުމުރުން 83 އަހަރުގެ ޝެއިޚް މިޝްޢާލް އަލް އަޙްމަދު އަލް ޖާބިރެވެ.