ހޮލީވުޑްގެ މަޝްހޫރު ގިނަ ލަވަތަކެއް ކިޔައިދީފައިވާ ލަވަކިޔުންތެރިޔާ ސެލީން ޑިއޯންގެ ސިއްހީ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

އޭނާގެ ކޮއްކޮ ކްލައުޑެޓް ޑިއޯންއާ ހަވާލާދީ އެ ރިޕޯޓުތައް ބުނާ ގޮތުގައި ސެލީންއަށް މިހާރު އޭނާގެ މަސްތަކުގެ ހަރަކާތްތައް ކޮންޓްރޯލްއެއް ނުކުރެވެ އެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު "ސްޓިފް ޕާސަން ސިންޑްރޯމް"އަށް ޕޮޒިޓިވްވި ފަހުން ސެލީންގެ ހާލަތު އައީ ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުންނެވެ.

ކްލައުޑެޓް އިތުރަށް ބުނީ އޭނާގެ ދައްތައަކީ ސިއްހަތަށް ވަރަށް ބަލައިގެން އުޅުނު މީހެއް ކަމަށާއި އެއާއެކު ވެސް އެފަދަ ބައްޔެއް ޖެހުމަކީ ހިތް ފަޅައިގެންދާ ވަރުގެ ކަމެއް ކަމަށެވެ.

އުމުރުން 55 އަހަރުގެ ސެލީން ވަނީ އޭނާގެ ބަލި ހާލަތުގެ ސަބަބުން މިއަހަރު ބާއްވަން އޮތް ކޮންސެޓްތަކެއް ކެންސަލްކޮށް އާއްމުންގެ ކިބައިން މައާފަށް އެދިފަ އެވެ.

ސްޓިފް ޕާސަން ސިންޑްރޯމްއަކީ ހަށިގަނޑުގެ މަސްތަކާއި ނާރުތައް ހަރުވެ ހަރަކާތް ކުރުމަށް ދަތިކުރުވާ ނާރުގެ ބައްޔެކެވެ. މިއީ ދުނިޔެއިން މަދުން ނޫނީ ނުފެންނަ ބައްޔެކެވެ.

ސެލީން މަޝްހޫރުވެފައިވަނީ 1997 ވަނަ އަހަރު ނުކުތް ފިލްމު "ޓައިޓޭނިކް"ގެ ތީމް ލަވަ "މައި ހާޓް ވިލް ގޯ އޮން" ގެ ލަވަކިޔުންތެރިޔާގެ ގޮތުގަ އެވެ.