ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ގައުމުގެ މިސްރާބު ބައްޓަންކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.

ނައިބު ރައީސް މިކަމަށް ގޮވާލެއްވީ މޮންޓަނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން، ޑިމޮކްރެޓިކް މޮންޓެނޭގްރޯއަކީ އުމުރުން ހަގު ޕާޓީއެއް ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާޓީން ގިނަ ކުރިއެރުންތަކެއް ހާސިލުކޮށްފައިވާކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ. އަދި ޑިމޮކްރަސީ ކުރިއަރުވައި ޑިމޮކްރަސީގެ ރޫހު އާލާކުރުމަށް އެޕާޓީގެ ލީޑަޝިޕުން ކުރަމުންގެންދާ މަސައްކަތްތަކަށް އެމަނިކުފާނު ތައުރީފު ކުރެއްވި އެވެ. ހަމައެހެންމެ، ޑިމޮކްރަސީއަކީ މުޖުތަމައެއްގެ ދުޅަހެޔޮކަން ކަށަވަރުކޮށްދޭ މައިބަދައިގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ. އަދި ޑިމޮކްރަސީއާ ނުލައި މުޖުތަމައުގައި އިންސާފާއި ހަމަހަމަކަމާއި އުފާ ފާގަތިކަން ނޯންނާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރާއްޖެއަކީ ވަރަށް ހަގު ޑިމޮކްރަސީއެއްކަމާއި ގިނަ ޕާޓީތަކުގެ މައްޗަށް އެކުލެވޭ އިންތިހާބެއް ރާއްޖޭގައި ފުރަތަމަ ބާއްވާފައި ވަނީ ވެސް 2008 ވަނަ އަހަރުކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އަދި މި ދެގައުމަކީ އެއްގައުމުން އަނެއް ގައުމުގެ ޑިމޮކްރަސީގެ ތަޖުރިބާތައް ހިއްސާކުރެވިދާނެ ދެގައުމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކޮށް ގައުމު ކުރިޔަށް ގޮސްދިނުމަށް ރައްޔިތުން އެމަނިކުފާނާ މަތިކުރައްވާފައިވާ ޒިންމާއާއި އެކުގައިކަށާއި އަދި ސަރުކާރު އޮތީ ރެޔާދުވާލު ހުއްޓުމެއްނެތި، ރައްޔިތުންނަށް ވެފައިވާ އެ ވަޢުދުތައް ފުއްދައިދެއްވުމުގެ މަސައްކަތްކުރުމަށް ތައްޔާރަށްކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.