އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންގެ މެދުގައި ބާއްވާ ޕްރައިމަރީ އަންނަ ފެބްރުއަރީ މަހުގެ 17 ގައި ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

ޑިމޮކްރެޓްސް އިން ބުނި ގޮތުގައި އެ ޕާޓީން އެގޮތަށް ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނެޝަނަލް އެސެމްބްލީގެ ފުރަތަމަ ބައްދަލުވުމުގަ އެވެ. ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ހުރިހާ އިންތިހާބީ ދާއިރާކަށް ވާދަކުރަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ވެސް ޑިމޮކްރެޓްސް އިން ބުނެފައިވެ އެވެ.

ޑިމޮކްރެޓުން ބުނި ގޮތުގައި ޕްރައިމަރީ އަށް ކުރިމަތިލާ މީހަކީ އަންނަ ފެބްރުއަރީ 4 ގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓާވެފައިވާ މެމްބަރަކަށް ވާން ޖެހޭނެ އެވެ.

ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މީހަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަވާ މެމްބަރެއް ކަމުގައި ވާން ޖެހޭނެ ކަމަށް ޑިމޮކްރެޓުން ބުނެފައިވެ އެވެ.

އަދި، މި ޕްރައިމަރީއަށް ކުރިމަތިލާން އެދި ހުށަހަޅާ ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިމަތިލާ މީހާގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްފައިވާ ފޯމާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖިނާއީ ކުށްތަކާ ގުޅޭ ރިކޯޑް ސާފުކޮށްފައިވާ ފޯމު ހުށަހެޅަން ޖެހޭނެ ކަމަށް ވެސް ޑިމޮކްރެޓްސް އިން ބުންޏެވެ. ޕްރައިމަރީގައި ވޯޓު ދެވޭނީ ފެބްރުއަރީ 4 ގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް ކަމަށް ވެސް ބުނެފައިވެ އެވެ.