ރާއްޖޭގައި މި ވަގުތު ތިބި ބިދޭސީންގެ ތެރެއިން، މެޑިކަލް ސްކްރީނިން ނުހަދާ ތިބި ހުރިހާ ބިދޭސީން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ ޓެސްޓުތައް ހަދަންޖެހޭ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމް އިބްރާހީމް ވިދާޅުވީ އެކި ބޭނުންތަކަށް ރާއްޖެ އަށް ގިނަ ދުވަހު އަންނަ ހުރިހާ ބިދޭސީން އޮންއެރައިވަލް އަދި އަހަރަކު އެއް ފަހަރު މެޑިކަލް ޗެކަޕް ހަދަން މީގެ ފަހުން ޖެހޭނެ ކަމަށެވެ. އަދި ރާއްޖެ އައުމަށްފަހު މެޑިކަލް ޗެކަޕް ހަދަން ދީފައިވާ 30 ދުވަހުގެ މުއްދަތު ވެސް، 15 ދުވަހަށް ކުރު ކުރަން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މިހާރު ރާއްޖެ އައިސް އެއް އަހަރުވެފައިވާ ބިދޭސީންގެ ތެރެއިން މެޑިކަލް ޗެކަޕް ހަދާފައި ނުވާ މީހުން ހަމަސް ދުވަސް ތެރޭގައި މެޑިކަލް ޗެކަޕް ހަދަން ޖެހޭ ގޮތަށްވެސް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"މެޑިކަލް ޗެކަޕްއަށް ޓެސްޓުކުރާ ބަލިތަކަށް، އެންޑެމިކް ތަންތަނުން ވިސާގައި ބަޔާންކޮށްފައިވާ ބާވަތެއްގެ މީހުން ރާއްޖެ އައުމުގެ ކުރިން ޕްރީ-އެރައިވަލް މެޑިކަލް ޗެކަޕެއް ހެދުން. މިގޮތުން ޗެކަޕް ހަދާނީ މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ މިންގަނޑުތަކަށް އަދި ކަނޑައަޅާ ތަންތަނުން ކަމަށް ކަނޑައެޅުން،" ކުރީގެ ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

އޭރެއްގެ ހާލަތަށް ރިއާޔަތްކޮށް، ޗެކްއަޕްއަށް ޓެސްޓުތަށް އިތުރުކުރުމުގެ ބާރު ހެލްތް މިނިސްޓްރީއަށް ދިނުމަށް ވެސް އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ. އޭގެ އިތުރުން ޗެކްއަޕްތަށް ހެދޭނީ ސަރުކާރުން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ތަންތަނުން ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި ގަވާއިދާއި ހިލާފަށް ތިބި ބިދޭސީން ރެގިއުލައިޒް ކުރާއިރު ވެސް ޗެކްއަޕް ހެދުމަށް ލާޒިމްކުރުމަށް ކެބިނެޓުން ނިންމާފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.