ބޮލީވުޑް ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ދަރިފުޅު ރަހާ ކަޕޫރުގެ މޫނު ފުރަތަމަ ފަހަރަށް މީޑިއާއަށް ދައްކާލައިފި އެވެ.
ރަހާގެ މޫނު މީޑިއާއަށް ދައްކާލާފައިވަނީ މިދިޔަ ހޯމަ ދުވަހު އިންޑިއާގައި ފާހަގަކުރި ކްރިސްމަސް ދުވަހުގެ ތެރެއިން އެ އާއިލާ އެކުގައި ފެނުނު ފެނިލުމެއްގަ އެވެ.
ރަހާ އުފަންވީއްސުރެ މިހާތަނަށް ރަންބީރުގެ ދެމަފިރިން އެ މީހުންގެ ދަރިފުޅު ގެންގުޅެމުން އައީ މީޑިއާއަށް ފޮރުވައިގެން ސިއްރިއްޔާތުގަ އެވެ. އާއްމު ފެނިލުންތަކުގައި ވެސް ރަހާގެ މޫނު ފޮރުވަން ހާއްސަ ސަމާލުކަމެއް އެމީހުން ދިނެވެ.
ރަހާގެ މޫނު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ ކަޕޫރު އާއިލާގެ ބައެއް މެމްބަރުންނާއި ރަހާގެ އެއްގޮތްކަން ފާހަގަ ކުރަމުންނެވެ.
އެގޮތުން ރަހާގެ ލޮލުގެ ކުލައާއި ރަހާގެ މުނިކާފަ ރާޖް ކަޕޫރު އަދި ބޮޑުދައިތަ ކަރީނާ ކަޕޫރުގެ ލޮލުގެ ކުލަ އެއްގޮތްކަން ގިނަ މީހުން ފާހަގަ ކުރެ އެވެ.
ދަރިފުޅު ފޮރުވައިގެން ގެންގުޅުމާ ބެހޭ ގޮތުން އާލިއާ ބުނީ އެ އޭނާއާއި ރަންބީރަކީ އަލަތު ބެލެނިވެރިން ކަމަށާއި އެހެން ކަމުން އެމީހުންގެ ދަރިފުޅުގެ ފޮޓޯތައް މުޅި އިންޓަނެޓުގައި ދައުރު ކުރުމާމެދު ޔަގީންނުވާ ކަމަށެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ކައިވެނިކުރި ރަންބީރާއި އާލިއާއަށް ރަހާ ލިބިފައިވަނީ ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.