އިންޑިއާގެ ދަނޑުވެރިން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ޕޮޕް ސްޓާ ރިހާނާ އާއި ތިމާވެއްޓާ ގުޅޭ ކަންކަމާ މެދު އަޑު އުފުލާ އެކްޓިވިސްޓް، ގްރޭޓާ ތަންބާގް ކުރި ޓުވީޓުތަކަށް އިންޑިއާގެ ސެލެބްރިޓީން ރައްދުދީފި އެވެ.

އިންޑިއާގެ އެގްރިކަލްޗާއާ ބެހޭ އާ ގާނޫނާ މެދު ހިތްހަމަނުޖެހިގެން ދަނޑުވެރިން މުޒާހަރާ ކުރާތާ ދެމަސް ދުވަސްވެފައިވާއިރު ސަރުކާރުން އަދި ދަނޑުވެރިން ވެސް ދޫދޭން ބޭނުމެއް ނުވެ އެވެ.

ޓުވިޓާގައި 100 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ރިހާނާ ވަނީ އެތައް ހާސް ދަނޑުވެރިން މުޒާހަރާކުރަން ތިބި ކޭމްޕްތަކުގައި އިންޓަނެޓް ކަނޑާލުމާއި ގުޅޭ ގޮތުން އޮތް ހަބަރެއް ރިޓުވީޓްކޮށް، "މިކަމާ ގުޅޭގޮތުން އަހަރެމެން ވާހަކަ ނުދައްކަނީ ކީއްވެތޯ؟" ސުވާލުކޮށްފައިވެ އެވެ.

މިލިއަނެއްހާ މީހުން މި ޓުވީޓް ރިޓުވީޓްކޮށްފައިވާއިރު އެތައް ބަޔަކު ވަނީ ލައިކް އަދި ކޮމެންޓް ވެސް ކޮށްފަ އެވެ.

ސްވިޑަންއަށް ނިސްބަތްވާ ތިމާވެށީގެ އެކްޓިވިސްޓް ގްރޭޓާ ތަންބާގް ވެސް ވަނީ ދަނޑުވެރިންނާއެކު ހުރިކަމަށް ބުނެ ޓުވީޓްކޮށްފަ އެވެ.

މީގެ އިތުރުން އެމެރިކާގެ ނައިބު ރައިސާ، ކަމާލާ ހެރިސްއަށް ބޮޑުދައިތަ ކިޔާ މީނާ ހެރިސް ވެސް ވަނީ ދަނޑުވެރިންނަށް ސަޕޯޓްކުރާކަން ހާމަކޮށްފަ އެވެ.

މަޝްހޫރު މީހުންގެ މި ޓުވީޓްތަކާއެކު އިންޑިއާގެ އޮންލައިން ޕްލެޓްފޯމްތައް ކެކިގަތެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި މަޝްހޫރު މީހުން ސޯޝަލް މީޑިއާގައި ހިއްސާކުރާ ހަމްދަރުދީގެ މެސެޖްތަކާއި ހޭޝްޓެގްތައް ސިފަކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގަ އެވެ.

މި ޓުވީޓުތަކަށް ތާއީދުކޮށް އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރް ބުނެފައިވަނީ އިންޑިއާގެ އިސްތިގުލާލަށް ގެއްލުންވިޔަ ނުދޭނެ ކަމަށެވެ. އަދި ބޭރު މީހުން މިކަމުގެ ތެރެއަށް ނުވަދެ، ދުރުގައި ބަލަން ތިބުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.

މޯޑީގެ ސަޕޯޓަރެއް އަދި ބޮލީވުޑްގެ ތަރި ކަންގަނާ ރަނޯތް ކުރި ޓުވީޓުގައި ބުނެފައިވަނީ ދަނޑުވެރިންނަކީ ޓެރަރިސްޓުން ކަމަށާއި ރިހާނާ އަކީ ގަމާރެއް ކަމަށެވެ.

އިންޑިއާ ސަރުކާރުން ވަނީ ޓުވިޓާއިން ދަނޑުވެރިންގެ މުޒާހަރާއާއި ގުޅޭ ޓުވީޓުތަކާއި އެކައުންޓްތައް ބްލޮކްކުރުމަށް ފަހު އަންލޮކް ކުރުމުން އެކަމާ ނުރުހުން ފާޅުކޮށް، ޓުވިޓާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.