ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ގެއްލުނު ސަރަހައްދު ހޯދުމަށް ލިއުންތައް ދިރާސާކުރުމަށް ބޭރުގެ ދެ އެކްސްޕާޓުންނާ ހަވާލުކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ކަނޑުގެ ސަރަހައްދުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅުމުގެ ކުރިން ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ބޭރުގެ ތަޖުރިބާކާރުންތަކެއް އައިޑެންޓިފައިކޮށް އެ ފަރާތްތަކާ މަސައްކަތް ހަވާލު ކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސިލަކާއި މޯލްޓާގެ ލޯ އޮފް ދަ ސީގެ ޕްރޮފެސަރަކާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އެ ބޭފުޅާ [މޯލްޓާގެ ފްރޮފެސަރު] ގެ ރިޕޯޓް މި މަހުގެ މެދުތެރޭ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް، ކެބިނެޓަށް ލިބޭނެ. ޔޫކޭގެ ރިޕޯޓް ފެބްރުއަރީ މަހުގެ ތެރޭގައި ލިބޭނެ. މި ދެންނެވި އެކްސްޕާޓުންގެ ރިޕޯޓްތަކަށް ބަލާ ތައްޔާރު ކުރާ ފައިނަލް ރިޕޯޓް ފެބްރުއަރީ މަހުގެ ފަހުކޮޅު ކެބިނެޓަށް ހުށަހެޅިގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

މި މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ބަންޑާރަ ނާއިބު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވައިފަ އެވެ. އެ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ، ކުރީގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލް އާއި މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން އައްޔަނުކުރައްވާފައިވާ ކާނަލް އަޙުމަދު މުޖުތަބާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފަރާތުން އައްޔަނު ކުރައްވާފައިވާ ސެކްރެޓަރީ، މަލްޓިލެޓެރަލް އަޙްމަދު ޝިއާން އެވެ. މި ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ ކުރީގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލްގެ ބެއްލެވުމުގެ ދަށުންނެވެ. މި ކޮމިޓީގައި މުހައްމަދު އަނިލް މަސައްކަތް ކޮށްދެއްވަނީ އެއްވެސް އަގެއް ނުނަންގަވާ ގޮތަށް ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް އޮގަސްޓް 22، 2023 ގައި ފޮނުއްވާފައިވާ ސިޓީގެ ކޮޕީ ވެސް މިހާރު ވަނީ ބަންޑާރަ ނައިބުގެ އޮފީހާ ހިއްސާކޮށްފައި ކަމަށާ އެ ސިޓީއާ ގުޅިގެން މޮރިޝަސްގެ ބޮޑުވަޒީރު ފޮނުއްވެވި ޖަވާބުގެ ސިޓީ ވެސް ބަންޑާރަ ނާއިބުގެ އޮފީހާއި ހިއްސާކޮށްފައިވާ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ރައީސް ސޯލިހް ފޮނުއްވެވި ސިޓީ ވަނީ ސަރުކާރުން މިހާރު އާންމު ކޮށްފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.