ރަސްމީ ދަތުރުފުޅެއްގައި ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޗައިނާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ކަމަށެވެ. ރަސްމީކޮށް މިދަތުރުފުޅާ ބެހޭ މައުލޫމާތު ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް، ޗައިނާ އަށް ވަޑައިގަންނަން ހަމަޖެހިފައިވާއިރު ވެރިކަމަށް ވަޑައިގަތް ފަހުން އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު ވަޑައިގެންނެވީ ތުރުކީއަށެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ވަޑައިގަތީ ޔޫއޭއީގައި ބޭއްވި ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ދަތުރުފުޅަށް ފަހު ރައީސް ރާއްޖެ ވަޑައިގަތީ މިދިޔަ މަހު 3 ގަ އެވެ.

ރައީސްގެ ދަތުރުފުޅެއް ޗައިނާއަށް ކުރައްވަން ނިންމެވިއިރު, ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް މިދިޔަ މަހު ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެއީ، އެ ގައުމުގައި ކުރިއަށްދިޔަ 'ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން'ގައި ބައިވެރިވެވަޑައިގަތުމަށެވެ.