ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ސަރުކާރުގެ ކެބިނެޓު ބައްދަލުވުމުގައި ވަނީ އާބަންކޯއިން ބަލަހައްޓަމުން ދިޔަ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފަ އެވެ.

ހުޅުމާލޭގެމުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އަދި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ.

ކެބިނެޓު ބައްދަލުވުމަށް ފަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގާނޫނުގައި ބަޔާން ކުރެވިފައިވާ ގޮތަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އަދި މި މަހުގެ 1 އިން ފެށިގެން އެކަން ތަންފީޒު ކުރައްވަން ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އޮފީސްތަކާއި ސާމާނާއި ބިމުގެ އިތުރުން މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، މިހާރު ވަޒީފާގައި ތިބި މުވައްޒަފުންނަށް މިހާރު ލިބެމުން އަންނަ އުޖޫރއާ އެއްވަރުގެ އުޖޫރައެއް އެއް އަހަރު ވަންދެން ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އޭރުގައި އޮތް އާބަންކޯގެ މެނޭޖްމަންޓާއި މާލެ ސިޓީ ކައުންސިލާ ދެމެދެ ހިޔާލު ތަފާތުވުންތަކެއް އުފެދި ބޮޑު ކޯޅުމަކަށް ވެސް އެކަން ދިޔައެވެ. އާބަންކޯ އިން އޭރު ބުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ރައުސުލްމާލެއް ކަމަށެވެ. އެކަމަކު ސިޓީ ކައުންސިލުން ބުނަމުން ދިޔައީ ހުޅުމާލެއަކީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއް ކަމަށާއި އެ ތަން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭ ކަމަށެވެ.

މި މައްސަލައިގައި ސިޓީ ކައުންސިލުން އާބަންކޯ އަށް ދޫކޮށްފައިވާ ރަޖިސްޓްރީ ބާތިލްކޮށް ހުޅުމާލެ ފޭސް އެކަކާއި ފޭސް ދޭއް ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ވެސް ގެނެސްފައިވެއެވެ. އެކަމަކު،އާބަންކޯއިން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން މައްސަލަ ނިމުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ބިމެއްގެ ގޮތަށެވެ.