ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަސަރު ކުރަން ފުރުސަތު ނުދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގޮވާލައްވައިފި އެވެ.

ސަރުކާރުގެ ބައެއް އިސްވެރިން އިންޑިއާ އަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދުބަސް ބުނަމުންދާތީ އެކަން ކުށްވެރިކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ އިންޑިއާ އަކީ ރާއްޖޭގެ ރަނގަޅު ރަހުމަތްތެރިއެއް ކަމަށެވެ. އަދި ސަރުކާރުގެ ބައެއް އިސްވެރިންގެ އަމަލުތައް އެމަނިކުފާނު ކުށްވެރި ކުރެއްވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ބަދުބަސްތައް ރައްދުކުރުމުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފު އާއި މަރިޔަމް ޝިއުނާގެ އިތުރުން އަބްދުﷲ މަހްޒޫމް މާޖިދު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އެ ތިން ބޭފުޅުން މޯދީއަށް ބަދުބަސްތައް ރައްދުކުރީ އިންޑިއާގެ ލަކްޝަދީބަށް ވަޑައިގެން އެކްސްގައި އާންމުކުރެއްވި ފޮޓޯތަކާ ގުޅިގެން ރާއްޖެ ބޮއިކޮޓް ކުރުމަށް އިންޑިއާގެ ބައެއް ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.