ތިނަދޫ ސިޓީން ރަށްވެހިކަން ދޫކޮށްލާ ނަމަ 5000 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެ ކަމަށް ކައުންސިލުން ނިންމި ނިންމުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާތިލުކޮށްފި އެވެ.

ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ފައިސާ ނަގަން ނިންމީ ތިނަދޫގައި ސިޓީއަކަށް ބޭނުންވާ އާބާދީ ހަމަނުވެދާނެތީ ރަށްވެހިކަން ބަދަލުކުރުން ހުއްޓުވުމުގެ ގޮތުންނެވެ.

މިއަދު ބޭއްވި އެޖްލީއޭގެ ބޯޑު ބައްދަލުވުމުން ވަނީ ތިނަދޫ ކައުންސިލްގެ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފު ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ސިޓީއެއްގެ ދަރަޖަ ދިންއިރު، އެރަށުގެ އާބާދީގައި 10،000 މީހުން ހަމަނުވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކާވަފައިވެ އެވެ. އެގޮތުން ސިޓީއެއްގެ ދަރަޖަ ދެއްވިއިރު އެ ރަށުގެ އާބާދީއަކީ 7،906 މީހުން ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުގެ ހިސާބުތަކުން ދައްކަ އެވެ.

އެހެންނަމަވެސް އޭގެ ފަހުން އިލެކްޝަންސް ކޮމިޝަނުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައެޅުމަށް އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ތިނަދޫގެ ރަޖިސްޓްރީ އާބާދީއަކީ 10،150 އެވެ.