އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔައި މަލާމާތްކޮށް ޕޯސްޓްކުރި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ ތިން މިނިސްޓަރުން މަގާމުން މަގާމުން ސަސްޕެންޑުކުރީ މުއްދަތެއް ނެތް ގޮތަށް ކަމަށާއި އެ މުއްދަތުގައި އެ ތިން ފަރާތަށް ވެސް މުސާރަ ހިނގާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެ މައްސަލާގައި ގުޅިގެން ސަސްޕެންޑްކޮށްފައި ވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ތިން އެކްޓިވިސްޓުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދެވެ.

ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑްކުރީ މޯދީ މިދިޔަ ހަފުތާގައި ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަކާ ގުޅިގެން މޯދީ އަށް އިހްތިރާމް ކުޑަކޮށް، ފާޑުވިދާޅުވި މައްސަލާގަ އެވެ.

ސަރުކާރުން މިއަދު އެ ބޭފުޅުންނަށް ފިޔަވަޅު އެޅީ އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރުކޮށް، ރާއްޖޭގެ ނަން ކިލަނބުވެފައިވާ ކަމަށް ބުނެ، އެ ބޭފުޅުންނަށް ފިޔަވަޅު އަޅަން ގިނަ ބަޔަކު ގޮވާލާފައި ވަނިކޮށެވެ.

އެ މައްސަލާގައި ތިން ބޭފުޅުން ސަސްޕެންޑްކުރި އިރު އިންޑިއާގެ ފިލްމީ ތަރިން ހިމެނޭ ގޮތަށް އެ ގައުމުގެ ގިނަ ބަޔަކު ދަނީ ރާއްޖޭގެ ޓޫރިޒަމްއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުންނެވެ. އެ މައްސަލަ ބޮޑުވީ ރާއްޖޭގެ ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރަށް ސޯޝަލް މީޑިއާގައި ދިމާކޮށްލުމުންނެވެ.

ސަސްޕެންޝަނާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ ތިން ނައިބުން ސަސްޕެންޑުކޮށްފައިވަނީ ވަކި މުއްދަތަކަށް ނޫން ކަމަށާއި އެ ފިޔަވަޅު އެޅީ އެކަން އިތުރަށް ބެލުމަށް ކަމަށެވެ.

އިންޑިއާ އަދި އެ ގައުމުގެ ބޮޑުވަޒީރަށް ފުރައްސާރަ އާއި މަލާމާތް ކުރުމުން ކުރިމަތިވަމުންދާ ޕްރެޝަރުތަކާ ހެދި ފަތުރުވެރިކަމުގެ އިންޑަސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ ވެސް ހިމެނެ އެވެ. މޯދީއަށް މަލާމާތް ކުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ބޭރުގެ ލީޑަރުންނާއި މަތީ ފަންތީގެ އެކި ބޭފުޅުންނަށް މަލާމަތް ރައްދުވާ ގޮތަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރާ ޕޯސްޓުތައް ސަރުކާރުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ބުނެފަ އެވެ. އެއީ އެގޮތަށް ވާހަކަ ދައްކާ މީހުންގެ އަމިއްލަ ހިޔާލު ކަމަށާއި ދިވެހި ސަރުކާރުން ދެކޭ ގޮތް ނޫން ކަމަށް އެ ބަޔާނުގައި ބުންޏެވެ.