މުދަލު ޒަކާތް ވާޖިބުވާ ނިސާބު އިސްލާމިކް މިނިސްޓްރީން ކުޑަ ކޮށްފި އެވެ.

މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި މީގެ ކުރިން 7،312.55 ރުފިޔާ ކަނޑައަޅާފައި އޮތް ނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިއްޔެއިން ފެށިގެން މުދަލު ޒަކާތުގެ ނިސޯބަކީ 7،140 ރުފިޔާ ކަމުގައި ކަނޑައަޅައިފަ އެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެ އެވެ. ޕަސެންޓްގެ ގޮތުން ބަލާ ނަމަ އެއީ 2.5 ޕަސެންޓެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބު ބަލަނީ ރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބަށް ދަނީ ބަދަލު ގެންނަމުންނެވެ.

ނިސާބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެ އެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޖުމްލަ ފައިސާގެ އަދަދު މިނިސްޓްރީން އަދި ހާމަނުކުރިޔަސް، މިދިޔަ ޖުލައި މަހު އެ ފައިސާގެ ތެރެއިން 26.8 މިލިއަން ރުފިޔާ ވަނީ ބަހައިފަ އެވެ.

އެއީ ފަގީރުންގެ ލިސްޓުގައި ހިމެނޭ 7،657 މީހަކަށް، ބޮލަކަށް 3،500ރ. ގެ މަގުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް އާ ސަރުކާރުން ވަނީ އުފައްދައިފަ އެވެ.