ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އިޓާލިއަން ސީރިއާގައި ރޭ ރޯމާ އަތުން 2-0 އިން މޮޅުވެ، ޔުވެންޓަސް ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގެ 13 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ރޮނާލްޑޯ އެވެ. މިއީ މި ސީޒަންގައި ރޮނާލްޑޯ ޖެހި 23 ވަނަ ލަނޑެވެ.

ޔުވެންޓަސްގެ ދެވަނަ ލަނޑަކީ ރޯމާގެ ރޮޖާ އިބަނޭޒް އަތުން މެޗުގެ 69 ވަނަ މިނިޓުގައި ބައިކޮޅަށް ވަތް ލަނޑެކެވެ.

މިއީ ޔުވެންޓަސް ޖެހިޖެހިގެން މޮޅުވި ހަ ވަނަ މެޗެވެ. މި މޮޅާއެކު ޔުވެންޓަސް ވަނީ 42 ޕޮއިންޓާއެކު ތިން ވަނަ އަށް ޖެހިލައިފަ އެވެ. ތާވަލްގެ އެއްވަނައިގައި އޮތް އިންޓަ މިލާނާއި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއާ ދެެމެދު މިހާރު އޮތީ 5 ޕޮއިންޓްގެ ފަރަގެކެވެ. އެކަމަކު އިންޓަ ވަނީ އިތުރަށް އެއް މެޗު ކުޅެފަ އެވެ.

ރޯމާ މިހާރު އޮތީ 40 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގަ އެވެ.