އެއްގަމާއި ކަނޑާއި ވައިގެ މަގުން ރާއްޖެ ދިފާއުކޮށް ރައްކާތެރިކުރުމަށާއި ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ "ޕްލެޓްފޯމްތަކާއި ވަސީލަތްތައް" އެމްއެންޑީއެފްއަށް ހޯދަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
560 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ތުރުކީ ކުންފުންޏަކުން އަސްކަރިއްޔާއަށް ޑްރޯން ގެންނަން އެއްބަސްވުމެއް ހެދި ކަމަށް ދެކެވުނު ވާހަކަތަކާ ގުޅިގެން ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ސަރަހައްދާއި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ އެމްއެންޑީއެފްއާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އަދި ކާރިސާތަކުން ރައްކާތެރިވުމާއި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތްކުރުމުގެ މަސްހޫލިއްޔަތު ވެސް އެމްއެންޑީއެފްއާ މަތިކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން، ކަނޑުމަތިން ހިނގާ ކުށްތައް ހުއްޓުވުމަށާއި މަސްކަނޑުތައް ރައްކާތެރިކުރުމަށާއި ކަނޑުގެ ސަރަހައްދުގައި ހިނގާ ހާދިސާތަކުން މީހުން ސަލާމަތްކުރުމުގެ ވާޖިބު ވެސް އެމްއެންޑީއެފްއަށް މަތިކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން އެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހުރި، އަދި ބަދަލުވަމުންދާ ސަލާމަތީ މަޝްރަހުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި، ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާ އަކަށް ރާއްޖޭގެ ގައުމީ ދިފާއީ ބާރު ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ އެއްކަންތައް ކަމަށް އެ ބަޔާނުގައިވެއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އަސްކަރިއްޔާއަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފާގެ މަތިން ކަމަށެވެ.
ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ ކޮމިޓީގައި ދެން ތިއްވަނީ ނައިބު ރައީސާއި ބަންޑާރަ ނައިބާއި ހަތަރު ވަޒީރުންނާއި ޗީފް އޮފް ޑިފެންސެވެ.
އެމްއެމްޑީއެފްގެ ގާބިލްކަން އިތުރުކޮށް ވަސީލަތްތައް ހޯދުމަށް މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ގެންދަން ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.